ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެފައިވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕީޖީ ހުސައިން ޝަމީމަކީ ކިޔަވައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އެހެންނަމަވެސް އުންސުރުގައި ޖެހި މި މައްސަލަ ނުބަލަން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށެވެ.
މިސަރުކާރަކީ ވަގު ސަރުކާރެއްކަމަށް ރައީސް ނަޝީދު ވިދާޅުވިކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ކޮށްފައިވާ ވައްކަން ބެލުމަށް އިދިކޮޅުން ރައިސް ނަޝީދަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމާފައެވެ.