އެމްޑީޕީ އަތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި އެހެން މުއައްސަސާތަކުގެ މެޖޯރިޓީ އޮވެމެ އެޕާޓީގައި ވައްކަމުގެ ލޭބަލް ޖެހެމުންދާތީ ބިރު ގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަޙުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރު މައްސަލަގާއި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "މުޅި ގައުމުގެ އެކި ގުނަންތަކުގެ މެޖޯރިޓީ ނަގައިގެން އޮވެ، ވައްކަމުގެ ލޭބަލް (އެމްޑީޕީގައި) އެޅުވެމުން ދާތީ އަޅުގަނޑު ހަމަ އެބަ ބިރުގަނޭ،" ކަމަށެވެ.
ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރީ ދުބާއީ ކުންފުންޏަކާއެވެ. އެހެންނަމަވެސް އެ ކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ ކަމުގެ ތުހުމަތުތަކެއް ވަނީކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިޔުޓަރ ޖެނެރަލް ވަނީ ނިންމަވައިފައެވެ. އެހެން ކަމުން އެ މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
މި މައްސަލާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރަށް ބޮޑެތި ތުހުމަތު ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އޭރުވެސް އޭނާ ހުންނެވީ މަގާމުގައި ކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެފަދަ ބޮޑެތި ތުހުމަތު ކުރެވެން ފެށުމުން މަގާމުގައި ހުރެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "ނަމަވެސް ހަތަރު މަސް ފަހުން ނޫނީ ވަކިވެގެން ދިޔަ ތަނެއް ނުފެނުނު،" އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުޑައިރުން ފެށިގެން އެޕާޓީދެކެ ލޯބިވާ އަދި އުމުރުން 18 އަހަރު ފުރުނުތަނާ އެމްޑީޕީއަށް ސޮއިކުރި ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މިއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ވައްކަމުގެ މިފަދަ ތުހުމަތު ތަކާއި ލޭބަލްތަކުން އެމްޑީޕީ ސަލާމަތް ކުރައްވަން ބޭނުން ކަމަށާއި އެކަން ކުރެއްވޭނީ ލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ލައިވްކޮށްގެން ކަމަށް ވިދާޅުވިއެވެ. ރައްޔިތުން މެމްބަރުންނާ ބާރުތައް ހަވާލުކުރީ ޒިންމާތަކާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވ.