ހުވަދު އަތޮޅު އުތުރުބުރީ ވިލިގިލީ އިރުން 25 މޭލޭ ބޭރުން ދަތުރު ކުރަމުންދިޔަ ޔޮޓެއްގެ އިންޖީން ހުއްޓިއްޖެއެވެ.

ދެ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ޔޮޓުގެ އިންޖީން ހުއްޓުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:54 އެހައިކަންހާއިރު ކަމަށެވެ.

އެ ޔޮޓުގައި ތިބީ ބޭރު ދެ މީހެކެވެ. އެމްއެންޑީއެފް ކޯސްޓުގާޑު ޝިޕް، ޝަހީދު އަލީ އިން ގެންދަނީ އެ ޔޮޓު އޮޔާދާ ސަރަހައްދު ބަލަމުން އެދިމާއަށް ދަތުރު ކުރަމުންނެވެ.

މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ޔޮޓާ ހަމައަށް ކޯސްޓުގާޑުގެ އުޅަނދު ފޯރާނެ ކަމަށް ބެލެވެނީ މިރޭ 10:30 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.