ސަރުކާރުން ގެންދަވަނީ މާލޭގެ މޭޔަރު ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓު ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ޙައްގަށް އަރައިގަންނަވަމުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚު ކުޑަތަންވެފައިވަނިކޮށް، ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ތަފާތު މައްސަލަތައް ސަރުކާރުން ދަނީ ތިލަކުރައްވަމުން ކަމަށެވެ. އަދި ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ގެންދަވަނީ ޑރ. މުޢިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކަށް ހާޒިރު ކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ އެ ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
"މިކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމުގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ބޭނުންކޮށްގެން، ރާވައިގެން ހިންގަމުން ގެންދާ ސިޔާސީ ކަންތައްތަކެއް ކަމުގައި މި ކޯލިޝަން ދެކެމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
ޑރ. މުއިއްޒުގެ މައްސަލައެއް އޮތް ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއްވެފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެހެންނަވެސް އެމައްސަލަތައް ބެލުމަށްޓަކައި ޑރ. މުޢިއްޒު ހާޒިރުކޮށް ހަދާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އިންތިޚާބަށް 2 ހަފްތާއަށް ވުރެ ގާތްވުމުން، މަޢުލުމާތު ސާފުކުރަން ކަމަށް ބުނެ ނުވަތަ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އިރު އިރު ކޮޅާ ދައުލަތުގެ މުއައްސަސާ ތަކަށާއި އޭސީސީ އަށް ޑރ. މުޢިއްޒު ހާޒިރު ކުރަމުން ގެންދާ ކަމަށް ވެސް ބުނެފައިވެއެވެ. ޑރ. މުޢިއްޒު އެގޮތަށް ގެންދިއުމުން ދޭހަވަނީ ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލި މާލޭ ސިޓީ މޭޔަރުގެ ގޮނޑި އެ ޕާޓީއަށް ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރުވެ، ސަރުކާރާއި އެމްޑީޕީ ޕްރެޝަރަށް ވެއްޓިފައިވާ މިންވަރު ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން، މިކޯލިޝަނުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މުއައްސާތައް މެދުވެރިކޮށް އިންތިޚާބީ ޙައްޤަށް އަރައިގަނެ، ކުރަމުން ގެންދާ އެންޓި ކެމްޕެއިންގެ ޢަމަލުތައް މިހާރުން މިހާރަށް ހުއްޓަލުމަށް ގޮވާލަމެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން މިމައްސަލަތައް ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ވެސް ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ.