އެއްވެސް މީހަކު ފާޚާނާގައި ތާށިވި ހެއްޔެވެ؟ ފާޚާނާއަށް ވަން ބޭނުން ނިމުމުން ފާޚާނާގައި ނުނުކުމެވި ތާށިވެ ހުންނަން ޖެހުމަކީ ވޭން ހުރިކަމެކެވެ.
ރޯދަ މަހެއްގެ މެންދުރުގަޑިއެވެ. އަހަރެންގެ ދެ އަހަރުގެ ދަރިފުޅު ނިދާފައި އޮތުމުން ފެންވަރާލަން ފާޚާނާއަށް ވަނީމެވެ. ފާޚާނާ އަށް ވަނީ ކޮޓަރި ތަޅުލާފައެވެ. ފެންވަރާ ނިމިގެން ފާޚާނާއިން ނުކުންނަން ދޮރު ހުޅުވަން އުޅެ އުޅެ ނުހުޅުވުނެވެ. އޭރު އަހަރެންގެ ކުޑަ ދަރިފުޅު މަންމާއޭ ކިޔާފައި ގޮވާ އަޑު އިވެއެވެ. އަހަރެން ދަރިފުޅު ކީއްކުރީހޭ އެހީމެވެ. ދަރިފުޅު ކިޔާ އެއްޗެއް ނޭނގެއެވެ. އެކަމު އަޑު އަންނަ ގޮތުން އޭނާ ހުރީ އޭނާގެ ކުޑަ ގޮޑިއަށް އަރާ ފާޚާނާ ދޮރުމަތީގައި ކަން އަހަންނަށް ވިސްނުނެވެ. ދޮރާ ކައިރިއަށް އައިސް އަހަރެން ދަރިފުޅު ގާތު ބުނީމެވެ. ދަރިފުޅު ތަންޑު އެޅުވީހެއްޔެވެ؟
އަހަރެމެންގެ ކޮޓަރީގެ ފާޚާނާގެ ދޮރު ލައްޕާފައި ބެހެއްޓުމަށްޓަކައި ބޭރުންވެސް ތަންޑެއް އެޅުވެން ހުންނާނެއެވެ. ދަރިފުޅު އަތް ނުފޯރާ ހިސާބު މަތީގައެވެ. ނަމަވެސް އޭނާ ގޮނޑިއަށް އަރައިފިނަމަ، އަތް ފޯރާނެއެވެ. އެހެންކަމުން އަހަރެން އުޅެނީ ފާޚާނާގައި ކަމަށްވާތީ ދަރިފުޅު ފާޚާނާ ދޮރުހުޅުވަންވެގެން ގޮނޑިއަށް އަރައި ތަންޑުގައި ހިފައި ކުޅެނިކޮށް ތަންޑު އެޅުވުނީ އެވެ.
ދަރިފުޅަށް ކިޔައިދީދީ ވަރުބަލިވި އިރުވެސް އޭނާއަކަށް ތަންޑެއް ނުނެއްޓުނެވެ. އެންމެފަހުން އަހަރެން ފާޚާނާގައި ތާށިވީކަން ދަރިފުޅަށް ވެސް އިހުސާސް ވިކަންނޭނގެއެވެ. ރޯން ފަށައިފިއެވެ. އަހަރެން ބުނެފީމެވެ. ދަރިފުޅު މާމައަށް ގޮވާށެވެ. އަހަރެންގެ ދަރިފުޅަކަށް އަމިއްލަޔަށް ކޮޓަރީ ދޮރެއްވެސް ނުހުޅުވޭނެއެވެ. އެހެންނަމަވެސް އޭނާ ހުރިތަނުން ގުޑާ ނުލާ ހުރެ ރޮނީއެވެ. އޭރު އަހަރެން ފާޚާނާގައި ހުންނަތާ ގަޑިއެއްގެ އިރު ވެދާނެއެވެ.
އެންމެ ފަހުން ވަރަށް ބާރަށް އެންމެންނަށް ގޮވަން ފަށައިފީމެވެ. ނަމަވެސް ގޭގެ އެއްވެސް މީހަކާހަމައަށް އަހަރެންގެ އަޑެއް ނުފޯރިއެވެ. ދަރިފުޅު ރޮއި ރޮއި ވަރުބަލިވެގެން ދޮރުކައިރިން ދުރަށް ދިޔަ ކަން އެނގުނެވެ. އަހަރެން ކަރުން ނާރުނަގާ ފަހަރަކު މީހަކަށް ގޮވަމުން ދިޔައީމެވެ.
އިރުކޮޅަކުން ކޮއްކޮ އެއްޗެއް ބުނިހެން ހީވިއެވެ. އަހަރެމެން ދެމައިން ކޮޓަރިން ނުނުކުމެ ގިނައިރުވުމާއި ގޮވާއަޑުވެސް ކޮންމެވެސް ވަރަކަށް އިވޭތީ ކޮއްކޮ އައިސް ވައި ގޮޅިން އަންހަންނަށް ގޮވާލިއެވެ. އަހަރެން ބުނީމެވެ. މިހިރީ ފާޚާނާގައި ތާށިވެފައެވެ. ދެން ކޮއްކޮ އަހަރެމެން ކޮޓަރީ ދޮރުކައިރި އަށް އައިސް ދަރިފުޅަށް ގޮވިއެވެ. ދަރިފުޅުގެ ޚަބަރެއް ނުވުމުން ވަރަށް ބާރަށް ދޮރުގައި ޖެހިޖެހީނުން ދޮރު ހުޅުވައިފިއެވެ. އަދި ފާޚާނާ ތަންޑު ނައްޓައި ދީފިއެވެ. އެވަގުތު ގޭގެ އެހެންމީހުންވެސް ކޮޓަރިއަށް ވަން އަޑު އިވުނެވެ. އޭރު ފާޚާނާގައި އަހަރެން ތާށިވެފައި ހުންނަތާ 2 ގަޑި އިރަށްވުރެ ގިނަ އިރުވީއެވެ. ފިރިމީހާ ރަށުގައި ނެތުމުން ދެން ކޮޓަރީގެ ތަޅުދަނޑި އޮންނާނެ އެއްވެސް މީހަކު ގެއަކު ނެތެވެ.
އިރުކޮޅަކުން އެންމެން ކޮޓަރިން ނުކުތުމުން ބޯދީ ބަލާލާފައި އަހަރެން ފާޚާނާއިން ނުކުމެއްޖައީމެވެ. އޭރު ދަރިފުޅު އޮތީއެނދުގައި ނިދިފައެވެ. ތައްޔާރުވެގެން ކޮޓަރީން ނުކުތުމުން އެނގުނީ ދަރިފުޅު ރޮއިރޮއި ވަރުބަލިވެގެން ނިދިގެން ކޮޓަރިތެރެއަށް ވެއްޓިފައި އޮތްކަމެވެ. މިއީ ލިބުނު ޢިބުރަތަކަށް ވިއެވެ.
އޭގެ ފަހުން ކޮޓަރީގެ އެއް ތަޅުދަނޑި މަންމައާ ހަވާލު ކުރީމެވެ. އަދި ފާޚާނާގައި ބޭރުން އަޅުވާ ތަންޑު ކޮއްކޮ ނަޓާލިއެވެ. އެއަށްފަހު ކުރިން ހުރި ހިސާބަށްވުރެ މާ މަތީގައި އެ ތަންޑު ހަރުކޮށްދިނެވެ.