ޝިންޖިއާން އިން ކަފަ ނުގަތުމަށް ބޮޑެތި ކުންފުނިތަކުން ނިންމުމުން ޗައިނާ އިން ޝިންޖިއާން ކަފަ ޕްރޮމޯޓް ކުރަން ފަށައިފިއެވެ.
ތައްޔާރީ ހެދުން އުފައްދާ ބޮޑެތި ކުންފުނިތަކުން ނިންމާފައި ވަނީ ޝިންޖިއާން އިން އުފައްދާފައިވާ ކަފަ، އެކުންފުނިތަކުގެ އެއްވެސް ފޭރާމެއްގައި ނުހިމެނުމަށެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަނީ މިކުންފުނިތައް ޗައިނާއިން ބޭރު ކުރުމަށް ހިފާފައެވެ.
ޝިންޖިއާންއަކީ ޗައިނާގެ ކަފަ އުފައްދާ މަރުކަޒެވެ. ޗައިނާއިން ހިފާފައިވާ އަދި ފަހުން މުސްލިމުންނަށް ޒާތީ ވެރިކަމެއް ގާއިމް ކުރުމަށް ގާނޫނުން ބާރު ދިން މި ސަރަހައްދުގެ އެތައް މިލިއަން މުސްލިމުން ޗައިނާއިން ވަނީ ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅެން ފަށާފައެވެ. އދ. އާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަންހެނުންނާ ބެހުމާއި މީހުން ލައްވައި ގަދަ ކަމުން މަސައްކަތް ކުރުވުމާއި މުސްލިމު އަންހެނުން ދަރިމައި ނުވާގޮތް ހެދުމުގެ މަސައްކަތްތައް މިތަންތާގައި ދަނީ ހިންގަމުންނެވެ.
މިތަންތާގެ މަސްއޫލުވެރިންނަށް ޔޫރަޕުން ފިޔަވަޅު އެޅުމުން ޗައިނާއިންވެސް ވަނީ ރައްދު ފިޔަވަޅުތައް އަޅާފައެވެ. ޗައިނާއިން ބުނަނީ ޝިންޖިއާން އާ ބެހޭ ގޮތުން ފަތުރަނީ ހޮޅިވާހަކަތަކެއް ކަމަށެވެ.
ޗައިނާއިން ވަނީ ޝިންޖިއާންގެ ކަފަ ދަނޑުތަކަށް ޒިޔާރަތް ކުރުމަށް ބޮޑެތި ކުންފުނިތަކަށް ދައުވަތު ދީފައެވެ. އަދި ޗައިނާގެ މީޑިއާއިން ދަނީ ޝިންޖިއާންގެ ކަފައާ ބެހޭ ޚާއްސަ ސަޕްލިމެންޓްތައް ނެރެމުންނެވެ. އަދި ޗައިނާގެ ފިލްމީ ތަރިން ލައްވައި ލައިވް ޓީވީ ޝޯ ތަކުގައި ޝިންޖިއާންގެ ކަފަ އެންޑޯޒް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.