ކަރަންޓު ބިލުތަކެއް ނުދެއްކި މައްސަލައިގައި ށ. ބިލެއްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ސަސްޕެންޑް ކުރަން ލޯކަލް ގަވަރމެންޓް އޮތޯރިޓީން (އެލްޖީއޭ) ނިންމައިފިއެވެ.
އެލްޖީއޭ އިން ޒިޔާދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބިލެތްފަހީ ކައުންސިލުގެ އިދާރާ އާއި އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި މަގު ބައްތިތަކުގެ ކަރަންޓު ބިލުތައް ގިނަދުވަސްތަކެއް ވަންދެން ދައްކާފައި ނުވާތީ، އެ ތަންތަނުން ކަރަންޓުގެ ހިދުމަތް މިއަދުގެ ވަގުތެއްގައި ކަނޑާލުމަށް ފެނަކަ އިން ބިލެތްފަހީ ކައުންސިލަށް ނޯޓިސް ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެ އޮތޯރިޓީން މި މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ޒިޔާދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް މި މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.
އަދި މިއަދުން ފެށިގެން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅައި ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައިވާތީ އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލް އިދާރާ އަށް ހާޒިރުނުވުމަށާއި ކައުންސިލުގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމަށާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލު ތަމްސީލު ނުކުރުމަށް ވެސް ޒިޔާދަށް ވަނީ އަންގާފައެވެ.
އަދި ޒިޔާދުގެ އަތުގައި ބިލެތްފަހީ ކައުންސިލުގެ އެއްވެސް މުދަލެއް ނުވަތަ ލިޔެކިޔުމެއް ވާނަމަ މިއަދު މެންދުރު 2:00 ގެ ކުރިން އެ މުދަލެއް ނުވަތަ ލިޔުކިޔުމެއް ކައުންސިލު އިދާރާއާ ހަވާލުކުރުމަށް ވެސް ވަނީ އަންގާފައެވެ.