މި ދުވަސްވަރަކީ ރާއްޖޭގައި އާދަޔާ ޚިލާފަށް މަދިރި އާލާވާ ދުވަސްވަރެކެވެ. މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރަށްރަށުގައި މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑެވެ. ހަމައެކަނި ރަށްރަށެއް ނޫނެވެ. ރަށެއްގެ ބޭރުން މަސްވެރިކަން ކުރުމަކީ ވެސް މަދިރީގެ އުނދަގޫ އެހާ ބޮޑު ކަމެކެވެ.
ރަށްރަށުގައި މިހާރު އުޅޭ މަދިރިތަކުގެ ބާވަތަށް ނަޒަރު ހިންލާ އިރު ގިނަ ރަށްރަށުގައި ޑެންގޫ ފަދަ ބަލި ފަތުރާ މަދިރި ކަމުގައިވާ އީޑީސް އިޖިޕްޓައި ފެންނަނީ ވަރަށް މަދުންނެވެ. ގިނަ މީހުން ބުނާ ގޮތުގައި މިހާރު އުޅޭ މަދިރިއަކީ އޮއެ މަދިރިއެވެ. ނުވަތަ ކިއުލެކްސް މަދިރިއެވެ.
މަދިރީގެ އުޅުމަށް އެތަކެއް ބަދަލުތަކެއް މިވަނީ އައިސްފައެވެ. މަދިރީގެ ބިސް ހަލާކުނުވެ އަހަރަކަށް ހުރެއެވެ. މިހެންކަމުން ފެނުގެ އަސަރު ކުރާތާ ގިނަ ދުވަސްތަކެއެއް ނުވެ މަދިރިއަށް ބަދަލުވެ އުދުހެން ފަށައެވެ. މި ދުވަސްވަރު ކުއްލިއަކަށް މަދިރި ގިނަވާން ޖެހުނު ސަބަބަކަށް މިކަން ވެސް ވެދާނެއެވެ. އުދަ އެރުމާއި ވާރޭ ވެހި މަދިރީގެ އާބާދީ ގިނަވީއެވެ.
މަދިރި ކޮށްޓްރޯލް ކުރުމަށް އެންމެ އެކަށިގެންވާ އެންމެ ކާމިޔާބު ގޮތަކީ ފަރުދީ ޒިންމާ އަދާ ކުރުމެވެ. ގެޔާއި ގޯތިތެރޭގައާއު ފަޅު ގޯތިތަކާއި ހޭޅިފަށް ފަދަ ތަންތަނުގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން އޭނޫން ގޮތަކަށް ބަދަލު ކޮށްލަން ޖެހެއެވެ. ދިޔަދޮއްވާއި ފުޅިތަކާއި، ޕޮޓްފަދަ ތަކެތީގައި ފެންހަރުލާނަމަ މަދިރީގެ ބިސްތައް ސާފުވާ ވަރަށް ދިޔަދޮވިފަދަ ތަކެތި ދޮވެލަންވާނެއެވެ. ތާނގީ ފަދަ ތަކެތި މަދިރި ނުވަދެވޭ ގޮތަށް ދާޖަހައި ރައްކާތެރި ކުރަން ވާނެއެވެ.
ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި ބުނާ ގޮތުން ނަމަ ކައުންސިލްތަކުގެ އިޙްތިޞާޞް ހިނގާ ސަރަޙައްދުގެ ދާއިރާގައި ހިމެނޭ ކުޅި،ފެންގަނޑުތައް،ފާތައް ފަދަ ތަންތަނުގައި މަދިރިއާއި ބަލި ފަތުރާ ބާވަތުގެ އެހެނިހެން ސޫފާސޫފި އަށަގަތަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އަދި މިކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަކީ ޞިއްޙީދާއިރާގެ ޒިންމާއެކެވެ.
މަދިރި ކޮންޓްރޯލް ކުރުމުގައި ހުރަސްތަކެއް އެބަ ހުއްޓެވެ. ގުޅިގެން މިކަން ކުރެވޭނެ ގޮތެއް ނެތެވެ. ދޭދޭ މުޢައްސަސާތަކުގެ މެދުގައި ގުޅުން އޮތީ ހީނަރުވެފައެވެ. ނުވަތަ ކައުންސިލަރުން އުޅެނީ ކެމްޕެއިން ކުރުމުގައެވެ. ބައެއް ރަށްރަށުގައި އުސޫލުތަކާ ޚިލާފަށް ރައްޔިތުން ރުއްސުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ފޮގް ކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް ފޮގް ކުރުމުގެ ހުއްދަ ލިބެނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ފެނުމުންނެވެ. މީގެ ސަބަބަކީ ފޮގް ކުރުމުގެ ހުރި ނުރައްކާތެރި ކަމެވެ. ފޮގު ކުރުމުގެ ސަބަބުން އިންސާނުންނަށް ވަރަށް ގިނަ ޞިއްޙީ މައްސަލަތައް ކުރިމަތިވެފައިވެއެވެ. މީގެ އިތުރުން ތިމާވެއްޓަށް ވެސް ނުހަނު ގެއްލުން ލިބެއެވެ. ފޮގްކުރުމުން މަދިރި މަރުވާކަމަކަށް ނުވެއެވެ. ފޮގްގައި ޖެހޭ މަދިރިތައް ހޭނެތެނީއެވެ. އަދި ހޭ އެރުމުގެ ކުރިން ހިނި ކެއުން ނުވަތަ އެފަދަ ގޮތަކުން މަރުވާކަމަށް ފާހަގަ ކުރެވިފައިވެއެވެ. މީގެ އެންމެ ތަފާތު ކަމަކީ މަދިރި ފޮގަށް ހޭނުމެވެ. އަދި ބައްޔެއް ފެތުރޭ ޙާލަތުގައި ފޮގު ކުރަން ޖެހިއްޖެ ނަމަ ގިނަ ދުވަހު ފޮގު ކުރަން ޖެހުމަކީ ވެސް އޮތް ގޮންޖެހުމަކަށްވާނެއެވެ.
ވަގުތީ އުފަލަކަށްޓަކައި ފޮގުކުރަން ގޮވާލުމުގެ ކުރިން މީގެ ނުރައްކަލާއި ފޮގުކުރެވޭ ޙާލަތްތައް ދެނެގަނެ ތިމާމެނަށް އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރާ ބަޔަކަށް ވާންޖެހެއެވެ. އަދި މަދިރި ކޮށްޓްރޯލް ކުރުމުގައި ތިމާގެ ފަރުދީ ޒިންމާ އިސްކުރާ ބަޔަކަށް ވާށެވެ.