ރާއްޖޭގެ ކޯޓަކަށް ދިޔަސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދިޔަސް އިންތިޚާބީ ކަންކަމާބެހޭ އިންސާފު ނުލިބޭ ކަމުގެ ޝަކުވާ ޕީޕީއެމުން ކޮށްފިއެވެ.
ކުރިއަށް އޮތް އިންތިޚާބުތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް އީސީއާ ހިއްސާ ކުރުމަށްފަހު އެޕާޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ވަނީ އިންތިޚާބަށް އީސީ ތައްޔާރުތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލު އުފެއްދީ އަންނަ މަހު ދިހައެއްގައި އިންތިޚާބު އޮންނައިރު އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންފަދަ މީހުން ކޮވިޑުން ރައްކާތެރިވުމަށް ހެދުން އެޅުމާއި އެފަދަ މީހުން އެދުވަހު ކަންކުރަންވީ ގޮތުގެ ގައިޑުލައިނެއް ވެސް އަދާ ހަމައަށް ނެރެފައި ނުވާތީއެވެ. އެ ކަމާ ބެހޭ ގޮތުން އިލެކްޝަނާ ސުވާލުކުރުމުން އެ ގައިޑުލައިންތައް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގެ ކެންޕޭން މެނޭޖަރ އަދި ކުރީގެ މަޖިލިސް މެމްބަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އިންތިޚާބު ބާއްވާ މިދުވަސްވަރަކީ ކޮވިޑްގެ ސަބަބުން އާބާދީގެ ފަސްދޮޅަސް ޕަސެންޓު މީހުން ކަރަންޓީނުގައި ތިބި ދުވަސްވަރެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ވަރަށްގިނަ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ކުރީން. އޭގެ ތެރޭގައި ދިވެހިރާއްޖެ މިހާރު މިއޮތީ ޕެންޑަމިކް ހާލަތެއްގައި. މިހާލަތުގައި އޮތްއިރުގައި ވޯޓުލާންދާ މީހުން ކަންތައްތައް ކުރާނޭ އުސޫލުތަކާއި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ މަންދޫބުންނާއި އަދި މޮނިޓަރުން ކަންތައްތައް ކުރާނެ އުސޫލާއި އަދި ހެދުން އަޅަންޖެހޭ ގޮތާއި މިކަންކަމާ ދޭތެރޭ އަދި މިހާތަނަށް އައިއިރު އިލެކްޝަނުން ވަކި ގައިޑުލައިނެއް ނޫނިއްޔާ އަމަލުކުރަންވީ އުސޫލެއް ކަނޑައަޅާފައި ނެތީމައި އެކަމުގެ ޝަކުވާ އަޅުގަނޑުމެންކުރިން،" އޭނާ ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މިއީ ވަރަށްގިނަ ކެންޑިޑޭޓުން ބައިވެރިވާ ބޮޑު އިންތިޚާބެއް ކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ވޯޓުކަރުދާހާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުމަށް އީސީން ކުރައްވާ މަސައްކަތްތައް ވަރަށްމަދު ކަމުގެ ޝަކުވާ ވެސް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. "އެބޭފުޅުން ވިދާޅުވީ ވަރަށް އަވަހަށް އެކަންކަން ކުރައްވާނެ ކަމަށް. އެހެންވީމާ އަޅުގަނޑުމެން ސުވާލު އެބަ އުފައްދަން މި އިންތިޚާބަށް ތައްޔާރުވެގެންތޯ އިލެކްޝަންކޮމިޝަނުން ތިއްބެވީ،" މުއާޒު ވިދާޅުވިއެވެ. މި ގޮތަށް ތައްޔާރު ނުވެ ބާއްވާ އިންތިޚާބެއް އިންސާފުވެރިވާނެތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓުން ސުވާލު އެބައުފައްދާ، އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން ސުވާލު އުފައްދާ މިކަންކަމާ ދޭތެރޭގައި،" އޭނާ ވިދާޅުވިއެވެ. "މިކަމަށް އިންސާފު ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ޔަގީނެއްނޫން. ދިވެހިރާއްޖޭގެ ކޯޓަކަށް ދިޔަސް އިލެކްޝަންސް ކޮމިޝަނަށް ދިޔަސް އަޅުގަނޑުމެންނަށް އިންސާފެއް ނުލިބޭ މިކަންކަމުގައި،" މުއާޒު ވިދާޅުވިއެވެ.