ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަނީ އަންނަމަހު ދިހައެއްގައި ބާއްވާ ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ވަގަށް ނަގަން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ކެންޕޭން މެނޭޖަރ މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާބެހޭ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

މުއާޒު ވިދާޅުވީ ސަރުކާރުން ގެންދަވަނީ އިންތިޚާބު އޮޅުވާލުމަށްޓަކައި ކުރެއްވެންއޮތްހާ ހުރިހާ ކަމަކާއި ނުފޫޒެއް ފޯރުވަމުން ކަމަށެވެ. އެހެންކަމުން އެކަންކަން ވަރަށް ހަރުކަށިކޮށް އަދި އެހާމެ ބޮޑުކޮށް ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ އޮފީސް ބަންދުކޮށްގެންނާއި ޕާޓީގެ ކެންޑިޑޭޓުންނަށް ދައްކަމުންދާ ބިރުދެއްކުންތަކާއި ދެމުންގެންދާ އިންޒާރުތަކާއި މިހުރިހާކަމެއް އަޅުގަނޑުމެން ކުށްވެރި ކުރަން،" އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުން އޭސީސީއާއި ފުލުސް އޮފީހަށް ހާޒިރު ކުރަމުން ގެންދަނީ އިންތިޚާބަށް ނުފޫޒު ފޯރުވަންކަން އީސީއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެކަންކަންކަން ހުއްޓުވައި ފިޔަވަޅު އަޅަން އީސީ އިން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ނުފޫޒު އީސީގެ މައްޗަށް އޮތްވަރު އެނގޭ ކަމަށާއި އެހެންނަމަވެސް އެ ނުފޫޒުގައި ތާށިވެ ހުންނަވައިގެން ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެއްވުމަށް އެކޮމިޝަންގެ ރައީސަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.