މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން 10 ރަށެއްގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ ރަށްރަށަކީ ރ. އަތޮޅު ހުޅުދުއްފާރު، އުނގޫފާރު، އަލިފުށި، މަޑުއްވަރި، ޅ. ނައިފަރު، ހިންނަވަރު، ކ.ދިއްފުށި، ހުރާ، ދ. މީދޫ އަދި ގދ.ތިނަދޫއެވެ.

އެ ގޮތުން އެ ރަށްތަކުގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެކި ރަށްތަށުގައި އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެހީގެ ގޮތުގައި ފޯރިކޮށްދީފައިވާ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް އަދި އަންގި ފަދަ ތަކެތި ފޯރުކޮށްދީފައިވެއެވެ.

މީގެ ކުރިން 11 ރަށަކާއި ސިޓީތަކަށް 600 އަށްވުރެ ގިނަ ކެއަރ ޕެކޭޖް އަދި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ހއ.ބާރަށް، ކުޅުދުއްފުށި ސިޓީ، ނ.ޅޮހި، ދ.ކުޑަހުވަދޫ، މ.ކޮޅުފުށި، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.ހޯޑެއްދޫ، ގދ.މަޑަވެލި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.