ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ވައިޓު އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 3:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ.

މި ވަގުތުގައި ގަޑިއަކު ބާވީސް މޭލާއި ހަތާވީސް މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މި ދެ ސިޓީއަށް އެންމެފަހުން ކުރި ވިއްސާރަގައިގައި ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. އެގޮތުން ބައެއްގޭގެ ފުރާޅު އެއްލައިލުމާއި ގެއަށް ފެންވަދެ ބައެއް ސާމާނުތަކަށް ވަނީ ގެއްލުންވެފައެވެ. އެފަދަ ފަރާތްތަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖޭގެ މޫސުމަށް އާންމު ގޮތެއްގައި ބަލާއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެއެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އުތުރުގެ އަތޮޅުތަކަށް ވައިއެނބުރި މަޑުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ އެވެ. މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން:

ދެކުނުގެ އަތޮޅުތަކަށް: 4 - 7 ފޫޓު،

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް:

3 - 5 ފޫޓު،

އުތުރުގެ އަތޮޅުތަކަށް:

1- 3 ފޫޓު.

ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށާއި ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އޮފީހުން ދަންނަވަފައިވެއެވެ.