ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މަޝްހޫރު ފިލްމީތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެނަކު ވަނީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ އުމުރުން 17 އަހަރުގައި ޖުމައްޔިލް އޭނާއާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ބުނެފަ އެވެ. އަދި ނުފޫޒުގަދަ ފަރާތެއްގެ ބާރުން އެ މައްސަލަ އޮއްބާލާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.

އެކަމާ ގުޅިގެން މިދިޔަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ކުރީގެ ޕީޖީ އައިޝަތު ބިޝާމްގެ ޒައާމަތުގައި ހެކި ނެތް ކަމަށް ބުނެ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އަލުން ރިވިއުކުރަން ޝަމީމް ނިންމެވި އެވެ.

އެއަށްފަހުމި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ޖުމައްޔިލްގެ މައްޗަށް ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އޭނާގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ޖުމައްޔިލް އަށް އަންނާނެ އެވެ.