ކ. ހުރާ އާއި ޅ. ނައިފަރުގައި ކޮވިޑް ފެތުރުން ކޮންޓްރޯލުން ނައްޓާފައިވާތީ، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެ ދެ ރަށު ރައްޔިތުން ގެއިން ބޭރަށް ނުކުތުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

ހުރާގައި ބަލި ފެތުރިފައިވާކަން އެނގުނީ ހާލު ދެރަވެގެން އެރަށުން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ ކޭސްއާ ގުޅިގެން ހެދި ކޮންޓްކެޓް ޓްރޭސިންއަށްފަހު ގިނަ އަދަދެއްގެ މީހުން އެރަށުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. މިއަދާ ހަމައަށް 100 އަށް ވުރެ ގިނަ މީހުން އެރަށުން ޕޮޒިޓިވްވިއިރު، ނަތީޖާ ނުލިބޭ ގިނަ އަދަދެއްގެ ސާމްޕަލްތަކެއް އެބަހުއްޓެވެ.

ނައިފަރުގައި ފުރަތަމަ ޕޮޒިޓިވްވިކަން އެނގުނީ ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ނައިފަރުން މިހާތަނަށް 100 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ހުރާ އާއި ނައިފަރުގައި އެޅި ފިޔަވަޅުތަކަކީ:

  • ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުން.އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
  • ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. އޭގެ ތެރޭގައި ޑެލިވަރީ ހިދުމަތް ނުހިމެނެ އެވެ.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ފިރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
  • ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ބޭއްވުން ހުއްޓާލުން