އެމްޑީޕީގެ ކުރީގެ ރައީސް އަދި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން ފުލުހުންނަށް ކުރި އަމުރުގައި ބުނެފައި ވަނީ އިބްރާ އަކީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ކޯޓު އަމުރާ ހަވާލުވެފައި ނުވާތީ ކޯޓަށް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

އެހެންކަމުން ބަންދުގައި ބަހައްޓައިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:45 އަށް އިބްރާ ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ ގަޑިއަށް ހާޒިރުނުކުރެވޭ ނަމަ، ހާޒިރުކުރުމަށް އަންގާފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ލިޔުމަކުން ކޯޓަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އޭނާ ކޯޓަށް ހާޒިރުކުރާއިރު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންތައްތައް ކަށަވަރުކޮށް، އެ މިންގަނޑަށް ފެތޭގޮތަށް ހާޒިރުކުރަން ވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އިބްރާ ކޯޓަށް ހާޒިރުކުރަނީ ސިވިލް ކޯޓަށް ހުށަހެޅި، ބަލަމުންދާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިބްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓަށް ހާޒިރުވާން ޗިޓު ނުލިބޭ ކަމަށެވެ.

"ކީއްކުރާނީ. ޗިޓެއް ހިފައިގެން މިގެއަކަށް ނާދޭ. މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ދިޔައިން. ކޯޓުން އެތައް ޗިޓެއް މެއިލް އާއި ވައިބާއިން މަށަށް ފޮނުވާ. ދެ ރޭ ކުރިން ވެސް ފޮނުވި،" އިބްރާ ވިދާޅުވި އެވެ.