ގއ. ކަނޑުހުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތާއި، އެއަތޮޅު ކޮނޑޭގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ މިއަދު އަޅާފިއެވެ.

އެގޮތުން ގއ. ކޮނޑޭގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައިދިނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އާއު ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު އާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދުގެ އިތުރުން، ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމް އެވެ.

މީގެ އިތުރުން ގއ. ކަނޑުހުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދިނީ، ފެނަކައިގެ އެމް.ޑީ އަހްމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު އަދި ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް އެވެ.

އެގޮތުން ކަނޑުހުޅުދޫގައި އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ، އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ކުންފުނީގެ އެމްޑީ އަހުމަދު ސައީދު ސޮއި ކުރެއްވި އިރު، އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވި، އެ ކުންފުނީގެ އެމްޑީ އަހުމަދު ލަތީފް އެވެ. އެ ކުންފުންޏާއި، މަޝްރޫއު ހަވާލުކޮށްފައިވަނީ، 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ފެނަކައިން ދަނީ ރާއްޖޭގެ ގިނަ ރައްތަކެއްގައި ހަލުވި ބާރުމިނެއްގައި އެކުންފުނީގެ ގިނަ މަސައްކަތް ތަކެއް ކޮށް ނިންމަމުންނެވެ.