ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަންދެއްވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތިން ބޭފުޅުންނަކީ؛

1- މަރިޔަމް މުނާ/މ.ބާރަނާގެ/ ކ.މާލެ2- އަލްއުސްތާޛް އަހުމަދު ސަމީނު/ ފިނިވާގެ/ އއ.ތޮއްޑޫ3- އަލްއުސްތާޛާ މަހީރާ މުޙައްމަދު/ ހިޔާވަހި/ ޅ.ހިންނަވަރު

މި ތިން ނަންފުޅަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅުގައި ވަނީ އެމަޤާމަށް ކުރިމަތިލައްވައި ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައްވެސް ހިމަނުއްވާފައިވާ ނަންފުޅުތަކަށް ރުހުން ހޯ ދުމުގެ މައްސަލަ ދިރާސާކުރުމަށް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމް ހުސްވެފައިމިވަނީ ކުރިން އެކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު މަގާމުން ވަކިކުރުމަށް ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިިލީހުން ފާސްކުރުމުން އޭނާގެ މަޤާމު ހުސްވުމުންނެވެ.

މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ ނައިވީން އަބްދުﷲގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ޢައްޔަންކުރެއްވި ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ.ޖިއެނާ، މުއުމިނާ ވަޙީދާއި މއ.މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲއެވެ.

މީގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައްވެސް ރައީސްގެ ސިޓީފުޅުގައި ވަނީ ހިމަނުއްވާފައެވެ. މިމައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

އެންއައިސީގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވަނީ އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވިި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމުންނެވެ.