ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި އިހުތިޖާޖުގައި 12 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
މި އިހުތިޖާޖަކީ ކޮންމެ ހުކުރު ދުވަހަކުވެސް ބާއްވަމުން ގެންދާ ސިލްސިލާ އިހުތިޖާޖެކެވެ. މިއަދުގެ އިހުތިޖާޖު ބޭއްވި ރޭޕާ ދެކޮޅަށެވެ. އިހުތިޖާޖުގައި ގޮވާލައިފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ރޭޕާ ދެކޮޅަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން ނާޅާކަމަށެވެ. އެހެންކަމުން މިއަދު ހަވީރު ބޭއްވި މުޒާހަރާގައި ބައިވެރިން ގޮވާލައިފައިވަނީ އެފަދަ ކުށްކުރާ މީހުންގެ މައްސަލަތައް އަވަހަށް ބަލައި އެކަށީގެންވާ އަދަބު އެފަދަ މީހުންނަށް ދިނުމަށެވެ.
މިއަދުގެ މުޒާހަރާ ވެސް ވަކި ހިސާބަކުން ފުލުހުންވަނީ ހުއްޓުވައިފައެވެ. މުޒާހަރާ ރޫޅާލައި މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ހާނިކަ ވަމުންދާ ކަމުގެ ޝަކުވާ ވެސް މުޒާހަރާ ކުރާ ފަރާތުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވެފައިވަނީ މުޒާހަރާ ހުއްޓުވަނީ ކޮވިޑް 19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކާ ޚިލާފަށް މުޒާހަރާ ކުރަމުންދާތީ ކަމަށެވެ. އެހެންނަމަވެސް އެކަމާ ވިއްދައިގެން ޕީޕީއެމުން ބުނެފައިވަނީ އެޕާޓީގެ މުޒާހަރާތައް ބާއްވަނީ އެޗުޕީއޭގެ މިންގަނޑު ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މީހުން އެއްތަންވެ މަސްހުނި ވަނީ ފުލުހުން އަމަލު ކުރާގޮތުން ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.
ޕީޕީއެމުން ބުނެފައިވަނީ މުޒާހަރާ ކުރުމަކީ ހައްގެއް ކަމަށެވެ. އެހެން ކަމުން އެހައްގު ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.