ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ހާހަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާ މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫޢަ ކުރެވިދާނެ ކަމުގެ އުއްމީދު އާކޮށްދިން ކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ދެކޭ ކަމަށެވެ.

އިމިގްރޭޝަން ގެ ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 9538 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ، ޔޫއޭއީ، އެމެރިކާ، އިނގިރޭސިވިލާތް، އަދި ސްޕެއިން ހިމެނެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އެއަރލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންނެވެ.

އޭގެތެރޭގައި ޤަތަރު އެއަރވޭސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން، އެއަރ އިންޑިއާ، އިންޑިގޯ އަދި އޭރޯފްލޮޓް ހިމެނެއެވެ. އަދި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެއަރލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުުރުތައް ފެށުމަށް ތާވަލްކުރަމުންނެވެ.