ކޮވިޑް19އާ ގުޅިގެން އެނެމެ ބޮޑަށް އަސަރު ކުރި އެއް ބަޔަކީ އިންޑިއާ ގައި ދަނޑުވެރިންނެވެ. 2018 ވަނަ އަހަރު އެމީހުންގެ އުދާސްތައް ސަރުކާރާ ހިއްސާ ކުރުމަށް ދަނޑުވެރިން ހަޅުތާލަށް ނިކުތެވެ. އެމީހުންގެ އެދުމަކަށްވީ އެމީހުންގެ ދަރަނި މައާފް ކޮށްދިނުމަށެވެ. އަދި އެމީހުންގެ އުފެއްދުންތަކަށް ބާޒާރުގައި ރަނގަޅު އަގެއް ލިބުމެވެ.

2019ގެ އިންތިޚާބް ބޯމަތިވި އިރު، ތަޖުރިބާކާރުން ބުނެފައި ވަނީ، ދަނޑުވެރިންގެ މައްސަލަތަކަށް ހައްލެއް ނާންނަނީނަމަ، އިންތިޚާބްގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މީގެ ސަބަބުން އިންތިޚާބަށް ދިއުމުގެ ކުރިން މޮދީ، ނިންމެވީ، ދަނޑުވެރިން އަތން ގަންނަ ތަކެއްޗަށް ކުރިއަށް ވުރެން ބޮޑު އަގެއް ދިނުމަށެވެ. ވަގުތީ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި އިންތިޚާބު ނިމުމުން ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގަތެވެ.

މިއާ ޚިލާފަށް އިދިކޮޅު ކޮންގްރެސް ޕާޓީން ވައުދުވީ، އިންޑިއާގެ ހުރިހައި ހިސާބެއްގައި ހުރިހައި ދަނޑުވެރިންގެ ހުރިހައި ލޯނުތަކެއް މައާފް ކޮށްދޭނެ ކަމަށެވެ. މާލީ ދާއިރާގެ ފަރާތްތަކުން ބުނެފައި ވަނީ މިއީ ނުފުއްދޭވަރުގެ އަގު ބޮޑު ޚިޔާލީ ވާހަކައެއް ކަމަށެވެ.

ބީޖޭޕީން އިންތިޚާބު ކާމިޔާބު ކުރީ ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. އަދި އަހަރެއް ފަހުން މޮދީ، ދަނޑުވެރިންނަށް ވެވަޑައިގަތް ވައުދު ފުއްދަވައި ދެއްވުމަށް މަސައްކަތް ފެށްޓެވިއެވެ.

އެގޮތުން ދަނޑުވެރިންނަށް އެމީހުން ދިރިއުޅޭ ސަރަހައްދު ނޫން އެހެން ހިސާބު ހިސާބަށްވެސް އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ފުރުސަތު ހުޅުވާލިއެވެ. އިންޑިއާގައި ގަވާއިދު ނިޔާކުރާ ގޮތުން ކޮންމެ ސަރަހައްދެއްގައި ހަދާފައި ހުންނަ ދަނޑުވެރިކަމުގެ ސާމާނު ގަންނަ ލޯކަލް ބާޒާރު، ނުވަތަ "މަންޑީ"އަށް ދަނޑުޖވެރިން އެމީހުންގެ އުފެއްދުންތައް ގެނަސްގެން ވިއްކައެވެ. މިއީ ބޮޑެތި ދަނޑުވެރިންގެ ކޮންޓްރޯލް އޮންނަ ސަރުކާރުވެސް ހިއްސާވާ ކޯޕަރޭޓިވް އެކެވެ.

އެހެން ހިސާބުތަކަށްވެސް ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ހުއްދަ ދެވުނީ 2020ގައި ފާސްކުރި ގާނޫނުންނެވެ. ސެޕްޓެމްބަރު މަހު މިބިލް ފާސްކުރީ އަތްމައްޗަށް ނަގައިގެން ވޯޓަށް އަހައިގެންނެވެ.

އެއަށްފަހު، ނަގާފައިވާ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން މޮދީގެ މިފިޔަވަޅުތަކަށް އިންޑިއާގައި މަގްބޫލުކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް ބޮޑެތި ބިންތައް ކޮްނޓްރޯލް ކުރާ ބޮޑެތި ދަނޑުވެރިންނަށް މިކަން ވެގެން ދިޔައީ މަގްބޫލު ކަމެއްގެ ގޮތުގައެއ ްނޫނެވެ. ދުނިޔޭގެ މީޑިއާގެ ސަމާލުކަމާއެކު މިމީހުން މިސްރާބު ޖެހީ ޓްރެކްޓަރުތަކުގައި ދިއްލީއާ ދިމާއަށެވެ.

މީޑިއާއިން ދައްކާ ގޮތާ ޚިލާފަށް މި މުޒާހަރާގައި އުޅެނީ ލޯނުތައް ނުދެއްކިގެން އުޅޭ އެކަހެރިވެފައިވާ ދަނޑުވެރިންނެއް ނޫނެވެ. މުޒާހަރާ ކުރާ މީހުންނަކީ ސަރުކާރުގެ ސަބްސިޑީ ލިބިގެން އެހެން މީހުން ލައްވާ ގުލާން ކުރުވާ ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނެވެ. މިމީހުންނަކީ ބޮޑެތި ބިންތައް ކޮންޓްރޯލް ކުރާ ލޭންޑްލޯޑުންނެވެ.

މިމީހުންގެ ބިރަކީ، މިހާރު އޮތް ނިޒާމު ނޫން ނޒާމެއް އައުމުގެ ސަބަބުން އެމީހުންގެ ކޮންޓްރޯލް ގެއްލިގެން ދިއުމެވެ.

މޮދީގެ ސަރުކާރުގެ ވިސްނުމަކީ ދަނޑުވެރިކަމަކީވެސް އެހެން ކުރިއަރާފައިވާ އިގްތިސާދު ތަކެކޭ އެއްގޮތަށް، ދަނޑުވެރިކަމަކީވެސް ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. މިހާރު ދަނޑުވެރިކަމަކީ ރަށްފުށުގެ އިގްތިސާދަށް ހިއްސާކުރާ ހަރަކާތެކެވެ.

އިންޑިއާ ސަރުކާރުން ފާސްކޮށްފައި ވަނީ ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނެކެވެ.

ފުރަތަމަ ގާނޫނުން ދަނޑުވެރިންނަށް، އެމީހުންގެ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށްވެސް ރަނގަޅު އަގެއް ލިބެނީނަމަ، ދަނޑުގޮވާމުގެ ބާވަތްތައް ވިއްކުމަށް ފުރުސަތު ދެއެވެ.

ދެވަނަ ގާނޫނުން، ދަނޑުވެރިންނަށް އެމީހުންގެ މަތިވަރު، ކޮންޓްރެކްޓްގެ ޒަރީއާއިން ކުރިއަށް ވިއްކާލުމަށް ހުއްދަ ދެއެވެ. މިއީ ސިނާއީ ގައުމުތަކުގައި މަތިވަރު ވިއްކާލާ ގޮތެވެ. ނަމަވެސް އަގުތައް ބޮޑުކޮށްލުމާއި ކާނާގެ ބާޒާރު ހަލަބޮލި ވެދާނެތީ މިއީ އިންޑިއާގައި ހައްސާސް މައްސަލައެކެވެ.

ތިން ވަނަ ގާނޫނަކީ، އަމިއްލަ ފަރާތްތަކުން ބޮޑެތި ގުދަންތައް ހަދައިގެން ގޮވާން ރައްކާކުރުމަށް ހުއްދަ ދޭ ގާނޫނެވެ. މިއީ ކުރިން މަނާ ކަމެކެވެ. އެއީ، ކާނާ އެހެން މީހުންނަށް ލިއްބައި ނުދެވޭ ގޮތަށް މަތިވަރު ފޮރުވުން ކަމަށް ބަލައި އެމީހަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެކެވެ.

މިތިން ގާނޫނުގެ މަގްސަދަކީވެސް ސަރުކާރުން އަގު ކޮންޓްރޯލް ކުރުން ދޫކޮށްލައި ވާދަވެރިކަމަށް ދަނޑުވެރިކަމުޖގެ ދާއިރާ ހުޅުވާލައި މިއީވެސް އެންމެނަށް އެއިން މަންފާ ލިބޭ "ސަނާއަތަކަށް" ދަނޑުވެރިކަމުގެ މަސައްކަތް ހެދުމެވެ.

މިއިން ދަނޑުވެރިންނަށް އެހެން އިގްތިސާދީ މަސައްކަތެކޭ އެއްފަދައިން އުފުލަން ޖެހޭ ހިރާސްތަކެއްވެސް ހުންނާނެއެވެ. އަދި ހަމައެއާއެކު އެމީހުން ވުނަދަންކާރުންގެ ސަފަށް ބަދަލުކުރާނެ ކަމެއްވެސް މެއެވެ.

ބޮޑެތި ބިންތައް ކޮންޓްރޯލް ކޮށް ދެ ގަރުނު ވަންދެން ނުފޫޒު ދަގަކޮށް އުޅުނު ބިން ބޮޑު އާއިލާތަކަށް މިއިން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. މިމީހުންނަކީ ހުޅަނގު އުތުރު އިންޑިއާގައި ފެތުރިފައިވާ ޖާޓް ކޮމިއުނިޓީގެ މީހުންނެވެ. އިންޑިއާއާއި ޕާކިސްތާންގެ ޕަންޖާބް ސަރަހައްދަށް މިމީހުން ފެތުރިފައި ވެއެވެ. މިއީ އަސްކަރީ އަދި ދަނދުވެރިކަމުގެ މަސައްކަތުގައިވެސް ދެ ގައުމުގައި ނުފޫޒު ގަދަ ބައެކެވެ.

އިނޑިއާގައި ޖާޓް ކޮމިއުނިޓީ މީހުން އުޅެނީ، ހަރިޔާނާގައެވެ. މިއީ ހިންދީންނެވެ. އަދި ސިކު ދީނުގެ ޖާޓް މީހުން ދިރިއުޅެނީ އިންޑިއާގެ ޕަންޖާބް ގައެވެ. މުސްލިމު ޖާޓް ކޮމިއުނިޓީގެ މީހުން ދިރިއުޅެނީ، ޕާކިސްތާންގެ ޕަންޖާބް ގައެވެ.

އިންޑިއާގެ ބޯހިމެނުމުގައި ކާސްޓް ފާހަގަ ކޮށްފައި ނުވިނަމަވެސް ލަފާ ކުރެވޭ ގޮތުގައި ޖާޓް މީހުންގެ އާބާދީ އަކީ، ހަރިޔާނާގައި ހަތަރު ބައިކުޅަ އެއް ބައެވެ. އަދި ޕަންޖާބްގައި ފަސްބައި ކުޅަ އެއްބައެވެ. މިއީ އެއް ކާސްޓެއްގައި މީހުން އެންމެ ގިނަ ކާސްޓެކެވެ.

މިދެ ސްޓޭޓްގައިވެސް ދަނޑުވެރިކަން ކުރާ ބިމުގެ ފަސްބައި ކުޅަ އެއްބައި މިމީޙުން ކޮންޓްރޯލް ކުރާކަމަށް ލަފާ ކުރެވެއެވެ.

މަރުކަޒީ ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތް މީހުން ނިކުތީ ދެ ލައްކަ ޓްރެކްޓަރުގައެވެ. އިންޑިއާއަކީ ދަނޑުވެރިކަމުގައި މޮޓަރުލީ އުޅަނދު ބޭނުން ކުރާ ގައުމެއް ނޫނެވެ. ޒަމާނީ ދަނޑުވެރި މެޝިންތައް ބޭނުން ކުރުމުގައި އިންޑިއާ އުޅެނީ ވަރަށް ފަހަތުގައެވެ. އާދައިގެ ދަނޑުވެރިންގެ އާންމު އުޅަނދަނީ ގެރިގާޑިއާ އެވެ. އެހެންވިއިރު، ދެ ލައްކަ ޓްރެކްޓަރުގައި ތެޔޮ އަންދައިގެން ދިއްލީއަށް އާދެވޭނީ ލައްކަ ފަންވަރެއް ހުރި ބަޔަކަށެވެ.

ހަރިޔާނާއާއި ޕަންޖާބްގައި މަތިވަރު ގަންނަނީ ސަރުކާރުންނެވެ. މިސަރަހައްދުގައި ދަނޑުތަކަށް ފެންދެނީ ސަބްސިޑައިޒް ނިޒާމެއްގެ ތެރެއިންނެވެ. ސަރުކާރުން ބާޒާރު ކޮންޓްރޯލް ކުރުމުން މި ދެ ސްޓޭޓްގައި އުފައްދާ ގޮދަނާއި ހަނޑޫ ސަރުކާރުގެ ގުދަންތަކުގައި، ފީވެގެންދާ ކަމަކީ އަބަދުވެސް ޝަކުވާއެކެވެ.