ލޯތްބަކީ "ކަނު" އެއްޗެކޭ މީހުން ބުނެއެވެ. އަދި މީހަކުދެކެ ތެދުވިރި ލޯބި ވެވިއްޖެނަމަ އެއްވެސް އިމެއް ނޯންނާނެ ކަމަށް ވެސް ބުނެއުޅެއެވެ. މިކަން އިންޑިއާގެ ޒުވާން އަންހެން ކުއްޖަކު ސާބިތުކޮށްދީފިއެވެ.

އައިޝާ އަޚުޠަރަކީ އިންޑިއާގެ އުއްތަރަ ޕްރަޑޭޝްގެ ތަރައްގީވެފައިވާ ސަހަރެއް ކަމުގައިވާ މީރުތުގައި ދިރިއުޅޭ 20 އަހަރުގެ ޒުވާން އަންހެން ކުއްޖެއްކެވެ. އޭނާގެ ލޯބިވެރިޔާ އަކީ ބިހާރު ސްޓޭޓްގެ އެކަހެރި ކުޑަ އަވަށެއް ކަމުގައިވާ އަރައިރާގައި ދިރި އުޅޭ އުމުރުން 22 އަހަރުގެ މުޙައްމަދު ސައްދާމް އަންސާރީއެވެ.

އައިޝާ އޭނާގެ ލޯބިވެރިޔާ އާއި ބައްދަލު ކުރުމަށް އެކަނިމާއެކަނި 1350 ކިލޯ މީޓަރުގެ ދަތުރެއް ނިންމާލީ 3 ދުވަހުންނެވެ.

މި ދެޒުވާނުން އެންމެ ފުރަތަމަ ބައްދަލުވީ އިންސްޓަގްރާމުންނެވެ. ދެ ކުދިންގެ ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެ އެކަކު އަނެކަކާއި ވަކި ނުވެވޭ ހިސާބަށް ގުޅުން ބަދަހިވި އެވެ. އެއަށްފަހު އައިޝާ އޭނާގެ ލޯބިވެރިޔާ އާއި ކައިވެނީގެ ގޮށްޖަހާލުމަށް ދަތުރުރު ފެށިއެވެ. މިކަން ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އެމްއެލް އޭ އަކަށް އެނގި މި ދެ ލޯބިވެރިން ގުޅުވައި ދިނުމަށް އެހީތެރިވެދިނެވެ.

އެ ގޮތުން މި އެމްއެލް އޭ މި ދެ ޒުވާނުން އޭނާގެ ގެއަށް ގެނެސް ބައްދަލުކުރިއެވެ. އަދި މިބައިމީހުންގެ އާއިލާއާ ވެސް ވާހަކަ ދައްކައި ދެ ޒުވާނުންގެ ކައިވެނީގެ ކަންތައްތައް ހަމަ ޖައްސައިދިނެވެ. މި ދެޒުވާނުންނަކީ ވެސް މުސްލިމު އާއިލާ އަށް ނިސްބަތްވާ ބަޔަކަށްވާތީ ބިހާރުގެ ކަޕަފޮޑާ ޖަމާ މިސްކިތުގެ ޤާޒީއަކު ލައްވާ މި ކައިވެނި ކޮށްދިނެވެ.

މި ކައިވެނީގެ ހަފުލާގައި އަރައިރާ އަވަށުގެ ވަރަށް ގިނަ މީހުން ބައިވެރިވެ ދެކުދިންނަށް މަރުޙަބާ ކިޔެވެ. މި ދެލޯބިވެރިން ކައިވެނި ކޮށްދިނުމުގައި އެހީތެރިވެދިން އެމްއެލް އޭ ވިޖޭ މަންދަލް އަށް ދެޒުވާނުން ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.

5 މަސްދުވަހު ދެކުދިން އިސްޓަ ގްރާމުން ވާހަކަ ދެއްކުމަށްފަހު ކައިވެނީގެ ގޮށް ޖަހާލެވުނީ އައިޝާގެ ތެދުވެރި ލޯބިން ލިބުނު ހިތްވަރުންނެވެ. އިތުބާރާއި ވަރުގަދަ އަޒުމާއެކު ކުރި ހިތްވަރު ގަދަ ދިގު ދަތުރު ނިންމާލީ އޭނާގެ ލޯބިވެރިޔާއަކީ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ ކަމުގައި ހަދާފައެވެ.