މާލެ އަތޮޅު ތުލުސްދޫ ރައްޔިތުންނާއި އެރަށު ކައުންސިލް ގުޅިގެން ދިއްފުށްޓާއި ހުރާގެ ރައްޔިތުންނަށް އެހީގެ ތަކެތި މިއަދު ހަދިޔާ ކޮށްފިއެވެ.

އެ ދެރަށަށް މިތަކެތި ހަދިޔާކުރީ އެ ދެރަށުން ކޮވިޑް-19 ފެނި ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަކޮށް މޮނިޓަރިންގެ ހާލަތަށް ގެނައުމުންނެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަޙުމަދު އަނީސް ވިދާޅުވީ އެ ދެރަށަކީ އަބަދުވެސް ވަރަށް އެކުވެރިކަން ބާއްވާ ދެރަށް ކަމަށެވެ. އެހެން ކަމުން އެ ދެރަށަށް އެފަދަ ހާލަތެއް މެދުވެރިވުމުން ރަށު ކައުންސިލްގެ ބަޖެޓުންނާއި ރައްޔިތުންގެ ފަރާތުން ޚަރަދު ކޮށްގެން އެ ދެރަށަށް އޭހީވީ ކަމަށެވެ.

އެ ދެ ރަށަށް އެހީވާން ޚަރަދު ކުރީ ކޮންމެ އަހަރަކު ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނާއެކު ބާއްވާ މާހެފުމަށް ބަހައްޓާފައިވާ ފައިސާ ކަމަށް އަނީސް ވިދާޅުވިއެވެ. "އެކަމަށްވުރެ ޚާއްސަ ކަމެއް ދިމާވުމުން ރައްޔިތުންނާއި ކައުންސިލް ގުޅިގެން އެ ދެ ރަށަށް އެހީތެރިކަން މިފޯރުކޮށްދިނީ،" އޭނާ ވިދާޅުވިއެވެ. މިއީ ދީލަތި ކަމާއި އެކުވެރިކަމުގެ ނަމޫނާއެކެވެ.

މިތަކެތި ދިއްފުށްޓާއި ހުރައަށް ގެންދިޔައީ ތުލުސްދޫ ފެރީންނެވެ. މި އެހީ ހަވާލު ކުރުމަށްކުރި ދަތުރުގައި އަނީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ދެރަށަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ބޯފެނާއި މަސްދަޅު ކޭސްތަކާއި، ބިސްކޯދާއި އަދި ވެސް އިތުރު ބާވަތްތައް ހިމެނެއެވެ. "އަޅުގަނޑުމެން ހުޅުވާލީ އެ ދެރަށަށް އެހީވާން ބޭނުންވާ ފަރާތްތަކުން މިއަދު ހެނދުނު ދިހައެއް ޖަހަންވާއިރަށް ޖެޓީއަށް ގެންނަން. އެގޮތަށް ހުޅުވާލުމުން އާންމުންނާއި ވިޔަފާރިވެރިންނާއި ބައެއް މުއައްސަސާތަކުން ވަނީ ތަކެތި ޖަމާކޮށްފައި. އޭގެ ތެރޭގައި ކޮކާކޯލާއިން އިން ހަދިޔާކުރި ފަސް ލިޓަރުގެ ދުއިސައްތަ ފެންފުޅި ވެސް ހިމެނޭ. ލިބުނު ސާމާނު ހަމައަށް ދެރަށަށް ބަހާލައިގެން ގެންދިޔައީ،" އަނީސް ވިދާޅުވިއެވެ.އަނީސް ވިދާޅުވީ ކޮވިޑްގެ އުނދަގޫ މިދުވަސްވަރުގައި އެ ދެރަށަށް އަދިވެސް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށްވާނަމަ އަދިވެސް އެކަން ކުރާނެ ކަމަށެވެ. "އަޅުގަނޑުމެން މިތިބީ އަވަށްޓެރި އަޚުވަންތަ ރަށްރަށުގެ ރައްޔިތުންނާއެކު،" އަނީސް ވިދާޅުވިއެވެ.