މިމަހު ދިހަވަނަ ދުވަހު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުގައި ދެއްވާ ވޯޓަކީ ތިމާގެ މީހާއަށް ނުވަތަ އެކުވެރިޔާއަށް ދޭ ވޯޓަކަށް ހެދުމުގެ ބަދަލުގައި ގައުމުގެ ހައްގުގައި ދޭ ވޯޓަކަށް ހެދުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭނާގެ ފޭސްބުކު ޕޭޖުގައި ލިއްޔުއްވާފައިވަނީ ދިވެހި ރާއްޖޭގައި މިއޮތީ ގިނަޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ދީމިޤުރާތީ ނިޒާމެއްކަމުން ޤައުމުގެ ޙާލަތު ބަދަލުކުރުމަށް ޕާޓީތަކުން އިންތިޚާބު ތަކުގައި ކުރިޔަށްނެރޭ ސިޔާސަތުތަކަކީ ޢާއްމު ރައްޔިތުން ގޮތް ނިންމެވުމުގައި ބައްލަވާ މުހިއްމު މިންގަނޑެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެސިޔާސަތުތައް ތަންފީޒުކުރައްވަން ރައްޔިތުން އިންތިޚާބުކުރައްވާ މަންދޫބުންގެ ރޭހަށް ނިކުންނަވައިގެން ތިއްބަވާ ކެންޑިޑޭޓުންގެ ޤާބިލުކަމަކީ އިންތިޚާބުތަކުގައި ރައްޔިތުން ގޮތްނިންމެވުމުގައި ބައްލަވާ އެންމެ މުހިއްމު ޢަސާސް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ. "ޔުނިޓަރީ ދަޢުލަތެއްގައި ގިނަ ޕާޓީތަކެއް ހިމެނޭ ނިޒާމެއްއޮވެ އިންތިޚާބީ މަޤާމުތަކެއްއޮތުމުގެ މައިގަނޑު މަޤްޞަދަކީ އަދި މަފްޙޫމަކަށްވާނީ ރައްޔިތުންނަށް ޚިދުމަތްކުރުމާއި އެކު ދަޢުލަތް ޒިންމާދާރުކުރުވާ ޖަވާބުދާރީކުރުވުން. ޤައުމުގެ މިއަދުގެ ޙާލަތަށް ބަލާއިރު ވެރިކަންކުރާ ޕާޓީގެ ފުރިހަމަ އަޣުލަބިއްޔަތު އިންތިޚާބީ ހުރިހާ ފަށަލައެއްގައި އޮތްއޮތުން ވެފައި މިއޮތީ ޖަވާބުދާރީ ކުރުވަންއޮތް ވަރަށްބޮޑު ގޮންޖެހުމަކަށް،" އޭނާ ވިދާޅުވެފައިވެއެވެ. އެ ކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދޭންޖެހޭ އަޙައްމިއްޔަތުކަމާއި ޚިދުމަތުގެ ބާރުމިނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ވަކިން ޚާއްޞަކޮށް ޤައުމުގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤުލާލަށް ބުރޫއަރާފަދަ ކަންކަން ވަންހަނާކުރެވިގެން ކުރެވެމުންދާއިރު ސަރުކާރު ފުރިހަމައަށް ޖަވާބުދާރީ ނުކުރެވޭކަމީ ހިތާމައިގެ ކޮޅެއްނެތް ކަންކަން،" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އެންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ "ތިމާގެ މީހާ ނުވަތަ އެކުވެރިޔާއަށް ދެވޭ ވޯޓަކަށްވުރެ ޤައުމުގެ ޙައްޤުގައި ދެވޭ ވޯޓަކަށް ހައްދަވައި މިއަދު ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވުމުގެ އެންމެބޮޑު މަސްޢޫލިއްޔަތެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފުލާ ޕީ.ޕީ.އެމް ގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވާ،" އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާރު ފެންނަނީ "ނުރޯދަރިއަށް ކިރު ނުލިބޭ" އުސޫލުން ކަންކަން ވަމުންދާތަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.