ޕާކިސްތާންގެ އިސްލާމީ ސިޔާސީ ހަރަކާތުގައި އުޅޭ ހައްދުފަހަނަޅާފައިވާ ލީޑަރަކު ހައްޔަރުކުރުމަށް އަމުރު ނެރެފިއެވެ. ތަހްރީކޭ ލައްބައިކަ ޔާ ރަސޫލުﷲ ޕާޓީގެ ވެރިޔާ، މައުލާނާ ޚާދިމް ހުސައިން ރިޒަވީ ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނީ ގިލްގިޓް ބޯލްޓިސްތާންގައި އެއްވެ އުޅުން މަނާކުރުމާ ޚިލާފަށް މީހުން އެއްކޮށްގެން އެއްވުމެއް ބާއްވާފައި ވާތީއެވެ.
ރިޒްވީއަކީ، 2017ގައި ސިޔާސީ މައިދާނަށް ނުކުމެފައިވާ އިސްލާމީ ސިޔާސީ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހެއްކަމުގައި ބެލެވޭ މުއްލާއެކެވެ. އޭނާއަކީ އޭނާގެ ތަގްރީރުތަކުން މީހުން ކައްކުވާލާ، ފުރޮޅުލީ ގޮނޑިއެއް ގައި އިންނަ މީހެކެވެ.
އަވްގާފް މިނިސްޓްރީގެ ވަޒީފާގައި ހުރެގެން ހުކުރު ދުވަހު ޚުތުބާ ކިޔާ މިމީހާ ސިޔާސީ މައިދާނަށް ނިކުތީ، ޕަންޖާބް ގަވަރުނަރުގ ބޮޑީގާޑް ބަޑިޖަހައި ގަވަރުނަރު ސަލްމާން ތާސީރް މަރާލި މައްސަލާގައި ބޮޑީގާޑަށް ތައްރީފްކޮށް ވާހަކަ ދެއްކުމުން ވަޒީފާއިން ކަނޑާލުމާ ގުޅިގެންނެވެ.
ތަހްރީކޭ ލައްބައިކަ ޔާ ރަސޫލުﷲ ޕާޓީއަކީ ޕާކިސްތާންގެ ބައިމަދު ގާދިޔާނީ އަހްމަދީންނާ ދެކޮޅަށް އަދި ސުންނީ މުސްލިމުންނާ ދެކޮޅަށްވެސް މަސައްކަތް ކުރާ ބައެކެވެ. ތަހްރީކޭ ލައްބައިކަ ޔާ ރަސޫލުﷲ ޕާޓީގައި ހިމެނެނީ ޒިޔާރަތަށް ގޮސް ނަދުރު ބުނެ އުޅޭ ބްރޭލްވީ ޖަމާއަތުގެ މީހުންނެވެ.
މި ޕާޓީން 2018ގައި އިސްލާމް އާބާދުގައި ބޭއްވި 4 ދުވަހުގެ މުޒާހަރާގެ ކާމިޔާބުކަމާއެކު އެމީހުން ބުނެފައިވަނީ ޕާކިސްތާންގެ ބައިގިނަ މީހުންނަކީ ބްރޭލްވީން ކަމަށާއި އެމީހުން އަމަލީ ގޮތުން ސިޔާސަތަށް ނިކުތީ ކަމަށެވެ.
މި މުޒާހަރާގައި ސިފައިންވެސް ރިޒްވީގެ ޖަމާއަތަށް ތައީދުކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
ރިޒްވީގެ ތާއީދު ބޮޑުވުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ މުސްލިމް ލީގް (ނ)އަށެވެ. އެ ޕާޓީއަށް ތާއީކުރާ ގިނަ މީހުންނަކީ ބްރޭލްވީ ޖަމާއަތުގެ މީހުންނެވެ.
މިއަހަރުގެ ކުރީކޮޅު އެންޓި ޓެރަރިޒަމް ކޯޓުން ވަނީ ރިޒްވީގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއި އޭނާއަށް ބޮޑު ބޭބެ ކިޔާ މީހަކާއި އޭނާގެ ޕާޓީގެ 86 މީހަކަށް ހުކުމް ކޮށްފައެވެ. އެނާގެ ކޮއްކޮއާއި ބޮޑުބޭބެ ކިޔާ މީހާއަށް ޙުކުމް ކޮށްފައިވަނީ 55 އަހަރަށް ޖަލަށް ލާށެވެ.