ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައިވާ ކަމަށް ނުބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ކޮވިޑް-19އާ ގުޅިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު ވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޑީއެންއާރް އިން އިއުލާންކޮށްފައިވާތީ ވޯޓުލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައިވާ ކަމަށް ނުބަލާނެ ކަމަށެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10 ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެނަށް އިންތިހާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސްއިން ބުނެއެވެ.