ލަންކާގައި ދިރިއުޅޭ ދިވެހިންގެ (ދި ލަންކާ ގެ މެންބަރުންގެ) މެދުގައި ބާއްވާ ބެޑުމިންޓަން މުބާރާތް މާދަމާ ފަށާނެއެވެ.

"ދި ލަންކާ ސުޕަ ސީރީސް 6" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި 4 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއިން ކޮންމެ ޓީމެއްގައި 11 ކުޅުންތެރިން ހިމެނެއެވެ.

މި މުބާރާތުގެ މެޗުތަކުގެ ތެރޭގައި މެންސް ޑަބަލް 2 މެޗާއި ވިމެންސް ޑަބަލް 3 މެޗާއި މިކްސް ޑަބަލް ހަތަރު މެޗް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 36 މެޗެވެ.

މި މުބަރާތަކީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔަތެއް ކަމުގައިވާ އަބުދުﷲ ނާޔިލް އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.

މިއީ މިގޮތަށް ބާއްވާ 7 ވަނަ ބެޑްމިންޓަން މުބާރާތެވެ. މި މުބާރާތް ކުރިޔަށް ދާނީ ދަ ބެޑްމިންޓަން ކޯޓް (ޕެޕްލިޔާ) ގައެވެ.

މުބާރާތް ކުރިއަށްދާނީ މި މަހުގެ 5 އިން 8 އަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހީންގެ ތަރުޙީބު ވަރަށް ބޮޑަށް މިމުބާރާތަށް ދަނީ ލިބެމުން ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް ލަންކާ ޓީމުތަކާއި އެކު މި ޓީމުތަކުގެ އަންހެން ބައިވެރިންގެ މެޗުތަކެއް ބާއްވަވައިފިއެވެ. އެފަހަރު ލަންކާގެ ޓީމުތަކުގެ އަތުން ކާމިޔާބު ހޯދީ ދިވެހީންގެ ޓީމެވެ.