ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ރަސްމީ ދަތުރުތައް ކުރެވޭނީ ރައްޔިތުންގެ މަޖިލިސް އިދާރާއިން ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން މަޖިލީހުގެ ޤަވާއިދަށް ރިޔާއަތްކޮށް، މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެމްބަރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތާއެކު، އެކަން ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެކަމަށެވެ. އަދި މެމްބަރުން ކުރައްވާ ދަތުރުފުޅުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރުފުޅެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެކަމަށެވެ.

މެމްބަރުން ދާއިރާއަށް ވަޑައިގަތް ނަމަވެސް، މަޖިލީހުން އެދިއްޖެ ނަމަ އޮންލައިންކޮށް މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަން ވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.