ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިއެއެވެ. އަހަރަކާއި އެތައް ދުވަހެއް ވަންދެން "ބަންދުގައި" ތިބެފައި އެޗުޕީއޭއިން ދޫ ދެއްވުމާއެކު މީހުން ފިހާރަތައް ފުރާލީއެވ. ރޯދަމަސް ބޯމަތިވެފައި އޮތުން ގެއަށް ބޭނުންވާ ސާމާނު ހަމަކުރުމަށްޓަކައެވެ. ރޯދައަށް ބާޒުރު ކުރުމަށް މީހުން ނުކުތުމާއެކު ބޮޑެތި ފިހާރަތައް ވަނީ މީހުން ގިނަވެ ތޮއްޖެހިފައެވެ.
ކޮވިޑް 19 ގެ މި އާލަމީ ވަބާގައި ގިނަދުވަސްތަކެއް ފާއިތުވަމުން ދިއުމުން ގިނަ މީހުން މިކަމަށް ހޭނުނީއެވެ. ނުވަތަ މަޖުބޫރު ވެގެން ނުކުމެ އުޅެނީއެވެ. ކޮވިޑު އިތުރަށް ފެތުރުމަށް އޮތް ބިރަށްވުރެ ރަމަޟާން މަސް އައުމުން ލިބެން އޮތް އުފަލާއި ހިތްހަމަޖެހުން ތަސައްވަރު ކުރެވެނީ ކަމަށް ވެސް ވެދާނެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަކީ ހުރިހާ މުސްލިމުން ވަރަށްކުރިން ފެށިގެން ކުރާ ކަމެކެވެ. އެ މަހަށް ނަފުސު ތައްޔާރު ކުރުމުގެ އިތުރުން ކުރީބައިގައި ކޯބީތަކެއްޗާއި އެހެނިހެން ސާމާނު ގެއަށް ވައްދަނީ ވަގުތު ސަލާމަތް ކުރުމަށެވެ. އޭރުން ވީހާ ވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރުމަށް ވަގުތުވާނެ ކަމަށް ބައެއް މީހުން ބުނެއެވެ. "ރޯދަޔަށް ފަރުނީޗަރުގަތުމާއި ބަދިގޭ ސާމާނު ގަތުމަށް މާލޭގެ ބޮޑެތި ފިހާރަތަކުގައި ހަވީރު 4 އިން ރޭގަނޑު 11 ޖަހަންދެން މީހުން އޮންނަނީ ތޮއްޖެހިފައި. ބޭނުމަކީ ރޯމަހަކީ ޚާއްސަ މަހަކަށް ވެފައި އެމަހުގެ ގިނަ ވަގުތު އަޅުކަމަށް ހުސްކުރުން. ރޯދަމަހު ތަންތަނަށް ދިއުމަކީ އެހާ ފަސޭހަކަމަކަށް ގިނަ މީހުންނަށް ނުވާނެ،" ރޯދައަށް ތަކެތި ގަންނަމުންދާ މީހަކު ބުންޏެވެ.
ރޯދައަށް ތައްޔާރުވާންވީއެވެ. ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ގޭތެރެ ރީކުރަން ވީއެވެ. އެހެންނަމަވެސް ބާޒާރު ކުރަން ނުކުމެ އުޅޭއިރު އަދިވެސް ބަލަންޖެހޭ ކަންކަން އެބަހުއްޓެވެ. ފިހާރަތަކުގެ ތެރޭގައި އެކަކުގައިގާ އަނެކަކު ޖެހޭވަރަށް ފިތި ބާރުވެގެން ނުވާނެއެވެ. ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަންވާނެއެވެ. މާސްކު އަޅަން ވާނެއެވެ.
އެތައް ދުވަހެއް ވަންދެނަ އިރު އޮއްސި 6 އިން ފެށިގެން މާލޭގައި އެއްޗެހި ދުއްވުން މަނާކޮށްފައި އޮތުމަށް ފަހު އެކަން ހުއްދަ ވުމުން ރޯދަޔަށް ނުކުރެވިފައި ހުރި މަސައްކަތާއި ބަޒާރު ކުރުންތައް ފުރިހަމަ ކުރުމަށް ވިޔަސް އެންމެ އިސްކަން ދޭންވާނީ ތިމާއާއި އެހެން މީހުންގެ ރައްކާތެރި ކަމަށެވެ. ސިއްޙީ ރައްކާތެރި ކަމާއި އެހެނިހެން ރައްކާތެރި ކަމަށެވެ.