ރ. އަތޮޅު ހުޅުދުއްފާރާއި މ. މުލަކުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި ދެރަށުގެ މަގުތަކުގައި ވެސް ތާރު އަޅަން ހަވާލުކޮށްފައިވަނީ ޑިސައިން އެންޑް ބިލްޑް އުސޫލުންނެވެ. ހުޅުދުއްފާރުގެ މަގުތަކުގައި ތާރު އެޅުމުގެމަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ އަށްޑިހަ އަށް މިލިއަން ނުވަލައްކަ ބާރަ ހާސް ސާޅީސް ރުފިޔާ ފަންސާސް ފަސް ލާރިއެވެ.
މައިގަނޑު މަސައްކަތް
- 3.2 ކިލޯ މީޓަރުގެ މަގުގައި ތޭރު އެޅުން
- މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުން
- މަގުތަކުގައި މަގު ބައްތި ޖެހުން
މުލަކު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ ސަތޭކަ ހަ މިލިއަން ދެ ލައްކަ ތިރީސް ހާސް ހަތް ސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރިއެވެ. މި މަސައްކަތް ނިންމުމަށް އެއްވެސް ވެފައިވާ މުއްދަތަކީ 420 ދުވަހެވެ.
މައިގަނޑު މަސައްކަތް
- 5.8 ކިލޯ މީޓަރުގެ މަގުގައި ތޭރު އެޅުން
- މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުން
- މަގުތަކުގައި މަގު ބައްތި ޖެހުން
މި ދެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެއެވެ. ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.