"ހިޔާ" މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވަނީ ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކެއް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގެރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ޚާއްޞަ ކެޓަގެރީއާއި، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީއެވެ.

ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް މިނިސްޓްރީގައި އެދެވޭނެއެވެ.

އެގޮތުން ސިޓީ، އީމެއިލް އަދި ވަޓްސްއެޕް، އެސްއެމްއެސް މެދުވެރިކޮށް ފްލެޓު ދޫކޮށްލާކަން މިނިސްޓްރީ އަށް އެންގޭނެއެވެ. އަދި މިނިސްޓްރީ އަށް އީމެއިލް ކުނާނަމަ މެއިލް ފޮނުވާނީ [email protected] ނުވަތަ [email protected] ނުވަތަ [email protected] އަށެވެ.

ސިޓީ ފޮނުވާ ނަމަ ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4ޑޮކްޓަރުންނާއި ނަރުހުން، H5ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުކުން އެދި" މިހެން ލިޔެފައި އޮންނަންވާނެ ކަމަށް މިނިސްޓްރީން ވަނީ އެދިފައެވެ.