ކ.ހުރާ އިން ކޮވިޑް-19 އަށް އިތުރު 11 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.

ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

އެ ކޭސްއާ ގުޅިގެން ހުރާގެ ހެލްތް ސެންޓަރު ދަނީ ކޮންޓެކްޓް ޓްރޭސިން އަދި ރެންޑަމް ސާމްޕަލްތައް ވެސް ރަށު ތެރެއިން ނަގަމުންނެވެ. އެގޮތުން އެންމެފަހުން ޕޮޒިޓިވްވި 11 މީހުންނާއެކު އެ ރަށުގައި އެކްޓިވް 147 ކޭސް އުޅޭ ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅު ވެފައިވާއިރު، ނަތީޖާ ނުލިބޭ 43 ސާމްޕަލް އެބައޮތް ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.

ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް ހެލްތު ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުރާ އިން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ ހަތް ދުވަހަށް އެ ރަށުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައެވެ.