ސ. ހުޅުމީދޫގައި ސަރުކާރުން އިމާރާތްކުރި ފަޔާ ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމީދޫގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ފަޔާ ސްޓޭޝަން ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.

ހުޅުމީދޫ ފަޔާ ސްޓޭޝަނަކީ ރައީސް ޔާމީން ސަރުކާރުގައި 2016 ވަނަ އަހަރު ބަޖެޓު ކުރެވި އިއްލާން ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ޖުމްލަ 1 އަހަރު ދުވަހުގެ މުއްދަތުގައި ނިންމަން ހަވާލުކުރެވުނު މި މަޝްރޫއުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައެވެ.

ހުޅުމީދޫގައި ފަޔާ ސްޓޭޝަނެއްގެ ހިދްމަތަކީ ރައްޔިތުން ވަރަށް ބޮޑަށް އެދި އެދިތިބި ހިދްމަތެކެވެ. ހުޅުމީދޫގައި މިހާތަނަށް ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވިނަމަވެސް ދޭތެރެދޭތެރެއިން ހުޅުމީދޫ ޗަސް ބިމުގައި އަލިފާން ރޯވެ ރައްޔިތުންގެ ރުއް ގަހަށް ގެއްލުން ލިބިފައިވެއެވެ.