އަބަދަކު ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީޕާޓީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ރައީސް މުޙައްމަދު ނަޝީދަށް ރައްދެއް ދެއްވައިފިއެވެ.
އަބަދަކު ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށް ސައުދު ވިދާޅުވީ ވެރިކަމާއި ރައްޔިތުންގެ މަޖިލީސް ދީގެން ރައްޔިތުންނަށް ފައިދާ ނުވިޔަސް ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ފައިދާ ފެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުންނެވެ.
"ކުރީން ސަރުކާރަށްތޯ ވޯޓު ދީފައި އޮތީ. އެޖެންޑާ ނަވާރަ އަށް ވޯޓް ދީފައިތޯ އޮތީ. ރައީސުލްޖުމްހޫރިއްޔާ އަށް ވޯޓް ދެއްވާފައިތޯ އޮތީ. އެވޯޓްތަކުން މާބޮޑު ރާހަތެއް ކޮށްފައި ނުވާކަމަށް ތިޔަބޭފުޅުން ވިދާޅުވަމުން ދިޔަނަމަވެސް އަޅުގަނޑު ދަންނަވާނީ އަދިވެސް އަޅުގަނޑު މި ދައްކާ ވާހަކަ އަޑު އަހާށޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެބޭފުޅުން ހައްދަވަން އުޅުއްވަނީ ވަކި ބާވަތެއްގެ ވަޑާމެއް ކަމަށެވެ. "އެއަށް އަޅުގަނޑުމެން މިކިޔަނީ ތާހިރު ދިރިއުޅުމެއް އޮންނާނެޔޭ. ތިމާއަށް ތިމާގެ އާއިލާ ބެލެހެއްޓޭނެޔޭ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މި ކަމާ ގުޅިގެން ސައުދު ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ބޮޑު މެޖޯރިޓީ ވެސް އެތައްފަހަރަކު އެމްޑީޕީއަށް ދެވިއްޖެ ކަމަށެވެ. "ރައްޔިތުން އަބަދު ގުނބޯ ހެއްދިދާނެ ކަމަށް ގަބޫލު ކުރައްވަނީ،؟" ރައީސް ނަޝީދަށް ރައްދު ދެއްވަމުން ސައުދު ވިދާޅުވެފައިވެއެވެ.
މަތީން ނުކުރެވުނު އެއްވެސް ކަމެއް ތިރީން ކުރެވިދާނެ ކަމަށް ގަބޫލު ކުރާނެ އެއްވެސް ރައްޔިތަކު މިގައުމުގައި މިހާރު ނުހުންނާނެ ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.