އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއެކު ބާއްވައިދޭން ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަންގެ ކިބައިން އެދިއްޖެ އެވެ.

މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ކައުންސިލް އިންތިހާބު ކުރިން ބާއްވައި އެންމެ ފަހު ޖަލްސާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށާއި އަދި އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް ހަމަހަމަ އިންތިހާބެއް ބާއްވައި ދިނުމަށް ނަޝީދު ވަނީ އެދިފައެވެ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށާއި އަދި އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް އިލްތިމާސް ދަންނަވަން ބޭނުން، އިންސާފުވެރި، ހަމަހަމަ އިންތިހާބެއް ބާއްވައި ދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވޯޓުލުމާއި، ވޯޓުގެ ނަތީޖާ އިއުލާނުކުރުމުގެ ކަންކަންވެސް ދެ ފުށް ފެންނަ ގޮތަށް، ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ހިންގޭ މަސައްކަތްތަކަށްވާންޖެހޭ ކަމަށާއި، އެ މަސައްކަތް ހިންގާނީ އެ ގޮތަށް ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.