ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ވާހަކަތައް ޕާކިސްތާން މީޑިއާއިން ގެނެސް ނުދިނުމަށް ޕާކިސްތާން މީޑިއާ ރެގިއުލޭޓް ކުރާ އިދާރާ (ޕެމްރާ) އިން ބުނެފިއެވެ.

ޕެމްރާ އިން ބުނެފައިވަނީ ޖިނާއީ ތުހުމަތެއްގައި ޝަރުއީ ކޯޓެއްގައި މައްސަލަ ހިނގަމުންދާ މީހެއްގެ ވާހަކައެއް ގެނެސްދިނުމަކީ މަނާކަމެއް ކަމަށެވެ. މިކަމުގައި އިޝާރާތް ކޮށްފައިވނީ ނަވާޒް ޝަރީފަށް ކަމަށް ބެލެވެއެވެ. ޝަރީފް ވަނީ އިދިކޮޅުން އިންތިޒާމް ކުރި ޖަލްސާއެއްގައި ސިފައިންނަށް ފާޑު ވިދާޅުވެ، ބޮޑު ވަޒީރު އިމްރާން ޚާންއަކީ ގޮނޑިކޮއްކޮއެއް ކަމަށް ސިފަ ކުރައްވަފައެވެ.

ޕާކިސްތާންގެ ދުވަހު ނޫސް ޑޯންގެ އެޑިޓޯރިއަލްއެއްގައި ބުނެފައިވަނީ ޕެމްރާއިން ދެ މިންގަނޑެއް ގެންގުޅޭ ކަމަށެވެ. އެނޫހުން ބުނި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަނީ ދުވަހަކަށް ވުރެން ދުވަހެއް ހަނިވަމުންނެވެ.

މިދިޔަ އަހަރު މާޗް މަހު ކުރީގެ ރައީސް މުޝައްރަފްއާއި ޖިނާއީ ހުކުމެއް އައިސްފައިވާ ތާހިރުލް ގާދިރީގެ ވާހަކަ މީޑިއާއިން ގެނެސްދިނުމުން އެކަމާ ދެކޮޅު ހަދާފައެއް ނުވެއެވެ. އަދި މަރުގެ ނިޔާ އިއްވާފައިވާ ސައުލަތު މިރްޒާ ކިޔާ މީހަކު 2015 ގައި ވީޑީއޯ ކޮށް އޭނާގެ ކުށަށް އިޢްތިރާފްވެފައިވާ މައްސަލައަށްވެސް ޕެމްރާއިން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕާކިސްތާން މީޑިއާ ދެކޭ ގޮތުގައި މިއީ ޚިޔާލު ފާޅު ކުރުމަށް ލިބިގެންދާ އިތުރު ހަނިކަމެކެވެ.