ބާރު ދެއްކުމުގެ ގޮތުން ބުދަ ދުވަހު އަނެއްކާވެސް ޗައިނާއިން އަސްކަރީ މަތިންދާ ބޮޓުތަލުން ޓައިވާން މަތިން އުދުހިއްޖެއެވެ. އަމިއްލަ ޒާތީ ވެރިކަމެއް ގައިމްކޮށްފައިވާ ޓައިވާނުން ވަނީ މި ފަހަކަށް އައިސް ޗައިނާއިން އަސްކަރީ ހަރަކާތްތައް އިތުރު ކުރުމާ ގުޅިގެން އެކަމުގެ ޝަކުވާ ކޮށްފައެވެ. ޓައިވާން ބުނާ ގޮތުން މިހާރު ކޮންމެ ދުވަހަކުހެން ޗައިނާގެ ބޯޓުތަކުން ޓައިވާން ވައިގެ ސަރަހައްދަށް ވަދެއެވެ.
ހޯމަ ދުވަހު، ޗައިނާއިން ވަނީ މަތިންދާބޯޓު އުފުލާ މަނަވަރެއް ޓައިވާނާ ކައިރިއަށް ފޮނުވާފައެވެ.
ޓައިވާންގެ ދިފާއީ ވަޒީރު ވިދާޅުވިގޮތުގައި ޗައިނާގެ 15 މަތިންދާ ބޯޓެއް ވައގެ ސަރަހައްދަށް ވަދެފައި ވެއެވެ. މީގައި ސެބްމެރިންއާ ދެކޮޅަށް ބޭނުންކުރާ މިސައިލް ހަރުކޮށްފައި ހުރިކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ބޯޓުތައް ފިލިޕީންސާއި ޓައިވާނާ ދެމެދުގެ ބަޝީ ކަނޑުއޮޅިއަށް ދިޔަކަށްވެސް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ޓައިވާނުންވެސް ވަނީ މި ބޯޓުތަކަށް ހުރަސް އެޅުމަށް މަތިންދޯޓު ފޮނުވައި އިންޒާރު ދީފައެވެ.
ޓައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވިގޮތުގައި ހަމަނުޖެހުމެއް ހިނގައިފާނެތީ އެމެރިކާގެ ސިޔާސީ ފަރާތްތަކުންވެސް ވަނީ ނުތަނަވަސްކަން ފާޅުކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ދިފާއުކުރުމުގައި ދެމި ތިބެނެ ކަމަށާއި ޗައިނާއާ ދެކޮޅަށް ހަމަލަ ދިނުމުގައި ފަހެއް ނުޖެހޭނެ ކަމަށެވެ.
ޓައިވާންގެ ކައިރީގައި އަސްކަރީ ހަރަކާތްތައް އިތުރުވެގެން ދިއުމާ ގުޅިގެން އެމެރިކާގެ މިސެއިލް ޑެސްޓްރޯޔަރ ޖޯން މެކެއިން މަނަވަރު ވަނީ ބުދަ ދުވަހު، ޓައިވާން ކަނޑު އޮޅީގައި ހަރަކާތްތެރި ވެފައެވެ. އެމެރިކާ ސިފައިން ބުނެފައި ވަނީ މިއީ އާދައިގެ މަތިން ބާއްވާ ފޯރިމެރުމުގެ ދުއްވާލުމެއް ކަމަށެވެ.
ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޓައިވާންގެ ބޮޑު ވަޒީރުގެ ނާއިބް ވިދާޅުވީ ޗައިނާގެ މަނަވަރުގެ ހަރަކާތްތައް ޓައިވާނުން ދަނީ ބަލަމުންނެވެ.
އެމެރިކާއިން ޓައިވާނަށް ބާރު އަޅަމުން ދަނީ ޓައިވާންގެ އަސްކަރީ ސާމާނުތައް ޒަމާނީ ހަތިޔާރަށް އަވަސް ގޮތަކަށް ބަދަލު ކުރުމަށެވެ. އެމެރިކާއިން ނަސޭހަތްތެރިވި ގޮތުގައި ޗައިނާއަށް ހަމަލަ ދޭން އުނދަގޫވާ ގޮތަށް ތައިވާނުން ވާން ޖެހޭނީ "ކަށިކޮއްޔަ" އަކަށެވެ.