ޕީޕީއެމްގެ ވެރިކަމެއްގައި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ޙަވާލުވެހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް ޢަބްދުއްރަޙީމް އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައި ވާހަކަ ދައއްކަވަމުންނެވެ. ޢަބްދުރައްޙީމް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ޗައިނާގެ ވެރިކަން ކުރާ ޕާޓީއާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިއަދު ހެނދުނު ބޭއްވި މިބައްދަލުކުރެއްވުމުގައި ޢަބްދުއްރަހީމް ދެއްކެވި ވާހަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަނީ ވަރަށް ގާތްކުޅުމެއްކަން ފާހަގަކުރައްވައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި ޗައިނާއިން ރާއްޖެއާ އެކު ބޭއްވެވި އެކުވެރިކަމާއި ވެދެއްވާފައިފައިވާ ގިނަގުނަ އެހީތައް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާ ސަފީރުވަނީ ކުރިއަށް އޮތްތަނުގައި ވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ ޗައިނާގެ ވެރިކަން ކުރާ ޕާޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މިބައްދަލުކުރެއްވުމުގައި ޕީޕީއެމްއާއި ޕީއެންސީގެ ނައިބު ލީޑަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.