ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މ. އަތޮޅު ކޮޅުފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް ޔޫސުފް ސިދްޤީއާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދެމެދު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް އެކޯލީޝަބުން ބުނެފިއެވެ.

އެ ކޯލީޝަނުން މިހެން ބުނެފައިވަނީ އެ ދެބޭފުޅުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ކޮޅުފުށްޓަށް ލިޔުންތަކެއް ބަޔަކު އަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ އެއްވެސް އަސްލެއްނެތް އެއްޗެއް ކަމަށާއި އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ.

"އެ ލިޔުމަކީ އެއްވެސް ޙަޤީޤަތެއް އަސްލެއް ނެތް ލިޔުމެއް ކަމުގައި ދަންނަވަމެވެ. އެފަދަ އެއްބަސްވުމެއް މި ކޯލިޝަންގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކާއެކު ވެފައި ނުވާނެ ވާހަކަވެސް ދަންނަވަމެވެ. އެ ލިޔުން ހަދާފައިވަނީ ޕީޕީއެމް އުފެދިގެން އެންމެ ކުރީކޮޅުގައި ބޭނުން ކުރަމުން އައި ލެޓަރހެޑްގައެވެ. އަދި އެ ލެޓަރހެޑް ބޭނުން ކުރުން ޕީޕީއެމްގެ ފަރާތުން ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ހުއްޓާލާފައެވެ.،" ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ލިޔުމުގައި ޕީޕީއެމްގެ ފަރާތުން ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ނަމުގައި ސޮއިކޮށްފައިވާ ކަމަށް ދައްކަން މަސައްކަތް ކުރިޔަސް އެލިޔުމުގައިވާ ތާރީޚުގައި ޢަބްދުއްރަޙީމް ޢަބްދުﷲ އަކީ ޕީޕީއެމްގެ ނާއިބު ރައީސް ނޫންކަމާއި އޭރުވެސް އަދި މިހާރުވެސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުންނެވީ ޕީއެންސީގެ ރައީސް ކަމުގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ޙަވާލުވެވަޑައިގެންކަމަށް އެބަޔާނުގައިވެއެވެ.

"މިކަމަކީ މި ކޯލިޝަން ބަދުނާމުކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަން ފާހަގަކޮށް މިކަން ހިނގާފައިވާ ގޮތް ތަޙްޤީޤުކޮށްދެއްވާ މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.