ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ނުލައްވަން ރައީސް ޔާމީން ނިންމަވައިފި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ. އެފަދަ ގޮތަކަށް ޢަމަލު ކުރައްވަން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވާފައި ނުވާ ކަމުގެ ކަށަވަރުކަން ރައީސް ޔާމީންގެ ލޯޔަރުން ގެ ޓީމުން ވެސް ވަނީ ޕީޕީއެމަށް ދެއްވައިފައި ކަމަށް ވެސް ބުނެފައިވެއެވެ.
ހަމައެއާއެކު، ޑރ. މުޢިއްޒު އެކޭ އެއްފަދައިން މިފަހަރުގެ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކަމުގެ ކަށަވަރުކަން އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުންނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕުގެ ފަރާތުން ވެސް ދޭ ކަމަށް ބުނެފައިވެއެވެ.
"އެހެންކަމުން އިރުވަރު އޮންލައިން ނޫހުގައި ޖަހާފައިވާ ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިފަދަ ހަޤީޤަތާއި ޚިލާފު، ދޮގު ޚަބަރު ތައް ނޫސްތަކުގައި ލިޔެގެން މިޕާޓިގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ޙައްޤަށް އަރައި ނުގަތުމަށާއި، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުން ބޭރު ނުވުމަށް އިލްތިމާސް ކުރަމެވެ." ޕީޕީއެމުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
މިފަދަ ޚަބަރުތައް ލިޔާއިރު ކަމުގެ ފުރިހަމަ މަޢުލޫމާތު ހޯދައި ޒިންނާދާރު ކަމާއެކު މަސައްކަތް ކުރުމަށް ވެސް އެޕާޓީން ވަނީ އެދިފައެވެ. "ހަމައެއާއެކު، މިމައްސަލަ މީޑިއާ ކައުންސިލާއި އިލްކެޝަންސް ކޮމިޝަނުން، އަދިވެސް ކަމާ ބެހޭ މުއައްސަސާތަކުން ބައްލަވާ ފިޔަވަޅު އެޅުއްވުމަށްވެސް ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ.