ވިލިމާލެ މުހްޔިއްދީން ސްކޫލުގައި ވޯޓްލުން ކުރިއަށް ދިޔަ ވަގުތު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:20 ހާއިރު، ވިލިމާލެ މުހްޔިއްދީން ސްކޫލުގައި ވޯޓްލުން ކުރިއަށް ގެންދަނިކޮށް، އެ ސަރަހައްދުގައި މީހަކު އަޑުގަދަކޮށް، ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްލަހަތަށްޓަކައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފައިވާއިރު، މާފަންނު ސްޓޭޑިއަމްގައި އަވަހަށް ފޯޓް ފޮށި ބަންދުކޮށްފައިވާ ކަމަށް ބުނެ، އެސަރައްދުގައިވެސް ހަމަނުޖެހުން އުފެދިފައި ވެއެވެ. ފުލުހުން މިހާރު އަންނަނީ އެސަރަހައްދުގައި ވެސް ހަރަކާތްތެރިވަމުންނެވެ.