މިއަދު އިރުއޮއްސި 6:27 ގައި އަޑިއަށްދިޔަ "ސީ ސްޓަރ" ތެޔޮ ބޯޓުން މިހާތަނަށް އެއްވެސް ވަރަކަށް ތެޔޮ ބޭރުނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެ ބޯޓް އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުންމިނަކަށެވެ. "މިހާތަނަށް ބެލިބެލުމުން މިބޯޓުން ޑީސަލް ލީކުވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއްނުވެއެވެ. ތެޔޮ ލީކްވޭތޯ ކޯސްޓްގާޑް އިން ދަނީ ހުއްޓާނުލާ ބަލަމުންނެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި ބޯޓު އަޑިއަށް ދިޔައީ މިއަދު މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަނިކޮށް އަލިފާން ރޯވެގެންނެވެ. އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:50 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ ކ.އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ލޯންޗް ވަނީ މިއަދު ހަވީރު 6:13 އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ބޯޓު އަޑިއަށް ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ގުޅިގެން އެކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.