ތ.ވޭމަންޑޫ އިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައިވާތީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ވޭމަންޑޫ އިން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން ބުނީ ވޭމަންޑޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، މިދިޔަ މަހުގެ 15 ގެ ފަހުން ވޭމަންޑޫގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި މިތާރީޚްގެ ފަހުން ވޭމަންޑޫ އަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވޭމަންޑޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ވޭމަންޑޫން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެގޮތުން ނަތީޖާ ނެގެޓިވްވި ނަމަވެސް ވޭމަންޑޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށާއި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ގުޅައި ހިއްސާކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.