ބޮންޖެލާ އަކީ އަނގައިގައި ޖަހާ ފާރުތައް ވަރަށް އަވަހަށް ފަސޭހަކޮށްދޭ ދިވެހީންނާ ވެސް ނިކަން ދޯޅު ބޭހެކެއެވެ. ދުލާއި ތުންފަތާއި ހިރުގަނޑު ކަނޑައިގެން ދިއުމުން ބޮންޖެލާ ޖެހުމުން ވަރަށް އަވަހަށް ފަސޭހަވެއެވެ. އެހެން ކަމުން މިއީ ދިވެހިން ވެސް ނިކަން ގަޔާވާ ބޭހެކެވެ.

މި ކުޑަކުޑަ ބޭސް ފުޅި ބޭސް ވިއްކާ ހުރިހާ ފިހާރައަކުން އާންމު ގޮތެއްގައި ލިބެން ހުރެއެވެ. ބޭސް ސިޓީ އަކާ ނުލާވެސް މި ބޭސް ވިއްކައެވެ. އެހެން ކަމުން ކޮންމެ ގެއެއްގެވެސް ފަސްޓް އެއިޑް ބޮކްސްގައި މީގެ ބޭސް ފުޅި އެއް އޮވެދާނެއެވެ.

ބޮންޖެލާ މިއީ ފަސޭހައިން އަނގައިގާ ހުންނަ ފާރު ފަސޭހަވާ ބޭހެއް ކަމުގައި ވިޔަސް މި ބޭސް ޖެހުމުން ފާރުވެ، ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުން ވަރަށް ބޮޑަށް ދިލަ ނަގާނެއެވެ.

ބޮންޖެލާގެ މޮޅުކަން އެނގޭ އަދި މި ބޭސް ބޭނުން ކުރާ ފަންސާހުގެ ފަހު އަހަރަތައް ގުނަމުންދާ ސޯބެ ވެސް އަބަދު މީގެ ފުޅިއެއް ގެންގުޅެއެވެ. ސޯބެ އަކީ އަށްޑިހައިގެ އަހަރުތަކުގައި ސަރުކާރުން މެދުރާއްޖެތެރޭގައި ހިންގި ވިޔަފާރިއަކާ ހަވާލުވެ ހުރި މީހެކެވެ. ފިހާރައިގެ އެންމެހާ ކަންތައްތައް ބަލަހައްޓަނީ ސޯބެ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އާދައިގެ މަތީން ފިހާރައިގެ މަސައްކަތުގައި އުޅެނިކޮށް އެއްޗެއްގައި އަޅައިގަނެ ސޯބެގެ ކަށިމަތި ވަރަށް ބޮޑަށް މަށައިގެން ހިނގައްޖެއެވެ. މަށައިގެން ދިޔަލެއް ފުން ކަމުން ލޭވެސް އައެވެ. ސޯބެ ވަރަށް ކެއްކޮށްލައިގެން އިނދެ މެންދުރަށް ފިހާރަ ބަންދުކޮށްފައި ވަތްގަނޑުން ބޮންޖެލާ ފުޅި ނަގައިގެން ކާން ހަމަޖެހިފައިވާ ބޮޑު ކާކޮޓަރިއަށް ވަދެ ގޮނޑިއެއްގައި އިށީނެވެ. އޭރު ބަދިގޭގައި ދެތިން ކުދިން ކެއްކުމުގެ ކަންތަކުގައި އުޅެއެވެ. ކާ ކޮޓަރިއާއި ބަދިގެ ދޮރަކުން ގުޅާލާފައި ހުންނާތީ ކައްކަން އުޅުނު ކުދިންނަށް ސޯބެ ރަނގަޅަށް ފެނެއެވެ.

ސޯބެ ގޮނޑީގައި އިށީންދެ ފަޓުލޫނުގެ ފައިކުރި އޮޅާލުމަށްފަހު ޖީބުން އެއްކަލަ ބޮންޖެލާ ފުޅި ނަގާ ކަށިމަތީ މަށައިގެން ގޮސްފައި ހުރިތާ އުނގުޅާލިއެވެ. ކުއްލިއަކަށް އަޑުފައްގަނޑު ގަދަވެގެން ބަދީގޭގައި ކައްކަން ތިބި ކުދިންތައް ބަލާލިއިރު ސޯބެ މި އޮތީ ކާކޮޓަރީ ތެރެއަށް ވެއްޓިފައެވެ. މި ކުދިން ދުވެފައި އައިސް ބަލާލިއުރު ސޯބެގެ ދެލޯ ވަނީ މެރިފައެވެ. މި ކުދިން ސޯބެގެ މޫނުގައި އަތުން މަޑުމަޑުން ކޮއްޓަމުން ގޮވަ ގޮވާވެސް ހަބަރެއް ނުވިއެވެ. އެންމެ ފަހުން މޭޒުމަތީ ހުރި ފެން ޖަގުން ސޯބެގެ މޫނަށް ފެންޖެހިއެވެ. މި ކުދިން ފެން ޖަހަން ފެށުމުން ސޯބެ ދެލޯ ހުޅުވާލާފައި މަގޭ ފަޔޭ ގޮވާލިއެވެ. އެކުދިން ސޯބެގެ ފައި ބަލާލި އިރު ކަށި މަތި އޮތީ މަށައިގެން ގޮއްސައެވެ. އެތާގައި އޮލަ ހުދު ބޭހެއް އުގުޅާފައި ވެއެވެ. ސޯބެ އޮވެ ގޮވަނީ ފެން އަޅާށެވެ.

މި ކުދިން ސޯބެގެ ފަޔަށް ފެން އަޅާލުމުން ކޮންމެވެސް ވަރަކަށް ލުއިވުމުން ސޯބެ ތެދުވިއެވެ. ސޯބެ ތެދުވުމުން އެތަނުން އެއް ކުއްޖަކު އެހި އެވެ. ސޯބެ ފަޔަށް ކިހިނެއްވީ ހެއްޔެވެ؟ ސޯބެ ޖަވާބު ދިނެވެ. މަށައިގެން ދިޔުމުން ބޮންޖެލާ އުގުޅާލީއެވެ. އެތަނުން އެއްކުއްޖަކު ބުންޏެވެ. ސޯބެއަށް ހަމަ ސާބަހެވެ. ތަނަކުން ބޭހެއް ފެންނައިރަށް އުނގުޅަން ވޭހެއްޔެވެ؟ ސޯބެ ޖަވާބު ދިނެވެ. އަނގަ ކަނޑައިގެން ދިއުމުން އެބޭސް ޖެހީމާ އެހާ ފަސޭހައިން ފަސޭހަވާތީ އުނގުޅާލީއެވެ. ދެން ހުރި ކުއްޖާ ބުންޏެވެ. އެކަމަކު ކޮންމެ ކޮންމެ ތަނެއް ހަލާކު ވިޔަސް އުގުޅާކަން ނުވާނެނޫންހެއެޔެވެ. ތީގަ ތިޔަ އޮތީ "އޯރަލް" ލިޔެފަ ނޫންހެއްޔެވެ؟ އަނެއްކާ ކުރެހުމުން ތި އޮތީ އަނގަ ދައްކާފަ ނޫން ހެއްޔެވެ؟