ރޯދަމަސް މިއަދު ފެށުމާއެކު ދިވެހި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު 550-450 ރުފިޔާއާ ހަމައަށް އުފުލިއްޖެއެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ގިތެޔޮ މިރުހުގެ އަގު ބޮޑު ތަނުން މައްޗަށް އުފުލުނު ނަމަވެސް މިރޯދަމަހާ ދިވެހިން ކުރިމަތިލިއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދިޔައީ މިރުސް ކިލޯއެއް 200-350 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފައި ހުރުމެވެ.
އެކަމަކު ރޯދަ މަސް މިއަދު ފެށުމާއެކު މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި މަޝްހޫރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 450 ރުފިޔާއަށެވެ. ކަނޑޫދޫ މިރުހަށްވުރެ މިއަދު މާރުކޭޓުގައި އަގު އުފުލިފައި ހުރީ ތޮއްޑޫ ގިތެޔޮ މިރުހުގެއެވެ. ތޮއްޑޫ ގިތެޔޮ މިރުސް ކިލޯއެއް ލިބެން ހުރީ 550-500 ރުފިޔާ ދެމެދުގެ އަގެއްގައެވެ.
ރާއްޖޭގައި ދަނޑުވެރިކަމުގެ އެންމެ ގިނަ ބާވަތްތައް އުފައްދާ އަދި ދަނޑުވެރިކަމުގައި އެންމެ މަޝްހޫރު ރަށް ކަމުގައިވާ ތޮއްޑޫގެ ދަނޑުވެރިޔަކު ބުނީ ރޯދަ މަސް ނިމެންދެންވެސް އެރަށުން މާލޭ ބާޒާރަށް މިރުސް ފޮނުވަން ލިބޭނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލް ކުރެވެނީ މިހާރު އަގުތައް މިހުރި ހިސާބުގައި ހިފެހެއްޓޭނެކަމަށް. ރޯދަ މަހު ކޮންމެ ދުވަހަކު ސަތޭކަ ކިލޯ ނުވަތަ ސަތޭކަ ފަންސާސް ކިލޯގެ މިރުސް މާލޭ ބާޒާރަށް ފޮނުވޭ ވަރަށް އަޅުގަނޑުމެން އަތުގައި މިރުސް އެބަހުރި. މިއީ މިދިޔަ ދެއަހަރެއްހައި ދުވަހު އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ" ތޮއްޑޫ ދަނޑިވެރިޔަކު ބުންޏެވެ.
މާރުކޭޓުގައި ލިބެން ހުރި އެހެނިހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް 25 ރުފިޔާއަށް ލިބެން ހުރިއިރު ކޮޕީ ފަތް ބޮނޑިއެއް (3 ފަތުގެ ބޮނޑިއެއް) ލިބެން ހުރީ 10 ރުފިޔާއަށެވެ. ކާށީގެ އަގުތައް ހުރީ 5 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގައެވެ.