އޮސްޓްރޭލިއާގެ ސިޑުނީ އަންހެނަކު ގެންގުޅުނު ލެޓިއުސް ކޮތަޅަކުން ޅަ ހަރުފައެއް ފެނިއްޖެއެވެ.

ލޭސްލީ ކުހުން ބުނެފައިވަނީ ލެޓިއުސް ކޮތަޅަކީ އޭނާގެ ފިރިހެން ދަރިފުޅު ބާޒާރަށް ގޮސް ގަނެގެން އައި ކޮތަޅެއް ކަމަށެވެ. އެ ގަނެފައިވަނީ ސިޑްނީގެ އުތުރުގައި އޮންނަ މޮސްމަން ގައި ހުންނަ ސުޕަމާކެޓަކުންނެވެ.

ލެޓިއުސް ކޮތަޅުން ޅަ ހަރުފަ ފެނުމުން އެ އަންހެން މިހާވަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. ކޮތަޅު ތެރޭގައި އޮތް ޅަހަރުފަ ފެންނަ ފޮޓޯއެއް އޭނާ ވަނީ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ.

ކޮތަޅުތެރޭގައި ހަރުފަ އޮތްކަން އެނގުމުން އޭނާ ވަނީ ވަގުތުން ވައިލްޑް ލައިފް އެކްސްޕަރޓަކަށް ގުޅައި އެ ހަރުފަ އެގެއިން ނެރެދިނުމަށް އެދިފައެވެ.

ކޮތަޅު ތެރޭގައި ބަންދުވެފައިއޮތް ޅަ ހަރުފައަކީ ނުރައްކާތެރި ހަރުފައެކެވެ. އެއީ "ޕޭލް ހެޑެޑް" ނަމަކަށް ކިޔާ ޅަ ހަރުފައެކެވެ. "ވައިލްޑް ލައިފް އިންފޮމެޝަން ރެސްކިއު އެންޑް އެޑިއުކޭޝަން ސަރވިސް" ގެ މީހުންވަނީ އެ ހަރުފަ އެއްވެސް މީހަކަށް ގެއްލުން ދިނުމުގެ ފުރުސަތު ނުދީ އެގެއިން ނެރެގެން ގެންގޮސްފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ޕެކް ކޮށްފައި ހުންނަ ލެޓިއުސް ފަދަ ތަކެތި ގަންނަ އިރު ސަމާލު ވުމަށް އެ އަންހެން މިހާވަނީ އިލްތިމާސް ކޮށްފައެވެ.

ޅަ ހަރުފައެއް ލެޓުއިސް ކޮތަޅުން ފެނުނު ޚަބަރަކީ ގިނަ ބަޔަކަށް ހައިރާން ކަން ލިބުނު ޚަބަރެކެވެ. ގިނަ ބަޔަކު ލެޓިއުސް ކޮތަޅުން ހަރުފަ ފެނުމުން ކަންބޮޑު ވުން ފާޅުކޮށްފައެވެ. އެހެނަސް އެކަކުވަނީ އެމީހުންނަކީ ނަސީބުގަދަ ބަޔެއް ކަމަށާއި އޭނާއަށް ވިޔަފާރި ކުރާއިރު ދުވަހަކުވެސް ހިލޭ ޕެޓް ހަރުފައެއް ލިބިފައިނުވާ ކަމަށް ބުނެ ސަމާސާ ކޮށްފައެވެ.

ޕޭލް ހެޑެޑް ސްނޭކް

ޕޭލް ހެޑެޑް ސްނޭކް އަކީ "ހިމަޓޮކްސިކް" ވިހަ ހުންނަ ނުރައްކާތެރި ހަރުފައެކެވެ. މީތި އާއްމުކޮށް ކައި އުޅެނީ ހޯނު ބޮއް އަދި ވާ ފަދަ ތަކެއްޗެވެ. މި ޒާތުގެ ހަރުފާއިގެ ދިގު މިނުގައި ހުންނަނީ 90 ސެންޓިމީޓަރެވެ. އާއްމުކޮށް ހަމަލާދީ ހަދާ ޒާތުގެ ހަރުފައަކަށް ނުވިނަމަވެސް ނުރައްކާ އިހުސާސް ވާ ނަމަ ހަމަލާ ދޭނެއެވެ. މި ހަރުފަ ވިހަލާއިގެން މިހާތަނަށް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައި ނެތް ނަމަވެސް މި ހަރުފަ ވިހަ ލުމުން ގަދަޔަށް ބޮލުގައި ރިއްސުން, ލޮލުގެ ފެނުމަށް އަސަރު ކުރުން, ގައިގަ ރިއްސުން އަދި “އެބްނޯރމަލް ބްލީޑިން" ފަދަ ކަންކަން ކުރިމަތިވެއެވެ. އެހެން ކަމުން މިފަދަ ހަރުފައެއް ވިހަލާއިފި ނަމަ ވީހާވެސް އަވަހަށް ފަރުވާ ހޯދަންވާނެއެވެ.