އެއް ދުވަހުގެ ތެރޭގައި މައިބަދައިގެ 5 އޮޕަރޭޝަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ކޮށްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން ވިދާޅުވީ، ހޯމަ ދުވަހު، މި ފަސް އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ.ޔޫސުފް ޝާންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. މިއީ އައްޑޫ އޭއީއެޗް ޚިދުމަތް ފެށި ފަހުން، މައިބަދައިގެ މިހާ ގިނަ އޮޕަރޭޝަން އެހޮސްޕިޓަލުގައި ކުރި ފުރަތަމަ ފަހަރެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މިފަދަ ގިނަ އޮޕަރޭޝަންތައް އައްޑޫސިޓީގައި ނުވަތަ އެސަރަޙައްދުގައި ކުރެވޭގޮތް ވުމަކީ، ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

އަދި އެ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުން ދެކުނުގެ އަތޮޅުތަކުން ހޮސްޕިޓަލަށް އަންނަ މީހުން ބޮޑު ތަނުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައްޑޫގައި މައިބަދައިގެ އޮޕަރޭޝަނެއް ފުރަތަމަ ކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެފަހަރު ވެސް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލުގެ އެހީތެރި ކަމާއެކު ޑރ. ޔޫސުފް ޝާން އާއި އެ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓް ގުޅިގެން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން މިފަހަރު މިކުރި އޮޕަރޭޝަން ތަކުގެ ތެރޭގައި ގދ. ތިނަދޫއިންނާއި ފުވައްމުލައް ސިޓީން އެ ހޮސޮޕިޓަލަށް ފޮނުވި 2 މީހުން ހިމޭނޭކަން ފާހަގަ ކުރެއްވިއެވެ.

އޭއީއެޗް އިން ވިދާޅުވީ ކުރިއަށް އޮތްތާގައި ޑޮކްޓަރުން ގެނެސްގެން ނަމަވެސް ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރުމަށް މަގު ފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.