އެޕްރީލްމަހު ސާދަ ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ދިވެހިބަހުގެ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ ދިވެހިބަހާއި އަދަބިއްޔާތާއި ދިވެހިރާއްޖޭގެ ތައުލީމުގައި ލާމަސީލު އިލްމުވެރިޔާ، ލާމަސީލު އަދީބު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަށެވެ. އެޕްރީލްމަހުގެ ސާދަވަނަ ތާރީޚަކީ އެ މަނިކުފާނުގެ އުފަން ދުވަހެވެ.

މި އަހަރުގެ ދިވެހިބަހުގެ ދުވަހަށް އަލިވިލުނީ ތިކިޖެހި ތާނައިގެ ބަހުސާއި ޒުވާބުގެ ތެރެއަށެވެ. މިކަމާ މެދު ވެސް ފަހި ވިސްނުމަކުން ވިސްނައިފި ނަމަ، ރަނގަޅު ނިޝާންތަކެއް ފެންނާން އެބަހުއްޓެވެ. އެއް ވާހަކައަކީ ދިވެހިބަހާ މެދު ފިކުރުކުރާ، އެބަހަށް ހެޔޮގޮތް އެދޭ އެކަމަށް ބޭނުންވާ މީހުން ގިނަވަމުންދާ ވާހަކައެވެ. ބަހުގެ މައްސަލަތަކާ ކަންބޮޑުވާ ފަރާތްތައް ގިނަވަމުންދާ ވާހަކައެވެ. ދިވެއްސަކަށް ވީތީ ދިވެހިބަހުގައި އޮންނަ އެމީހެއްގެ ހިއްސާ އަދާކުރާ މީހުން ގިނަވަމުންދާ ވާހަކައެވެ.

ތިކިޖެހި ތާނަ ބޭއްވުމާއި، ދޫކޮށްލުމުގެ ބަހުސްގެ ތެރެއިން ފާހަގަކުރެވެނީ މައްސަލަތަކެއް ހުރިކަމެވެ. ޚިޔާލު ތަފާތުވަނީ އެ މައްސަލަތައް ހައްލުކުރާނޭ ގޮތަކާ މެދުގައެވެ. އެހެންކަމުން ތިކިޖެހި ތާނަ އުވައިލުމާއި އެ އޮތްގޮތަށް ދެމެހެއްޓުމާ ދެގޮތަށް ދެކެވޭ ވާހަކައިގެ ތެރެއިން ތިންވަނަ ގޮތެއް ހޯދަން އުޅުމަކީ މިއަދާ މުނާސަބު ކަމެކެވެ. އެއްދުވަހެއްގެ ނިންމުމަކަށް ނުވާނޭގޮތުގެމަތިން މި މައްސަލައަށް ލުއިލިބޭނޭ ގޮތެއް ހޯދުމަކީ އޮތްކަމެކެވެ.

ތިކިޖެހި ތާނައިގެ ވާހަކައަކީ ދިވެހިބަސް ލިޔުމުގެ ނިޒާމުގެ ވާހަކައެކެވެ. ނިޒާމާބެހޭ ނުކުތާއެކެވެ. މުޅި ދިވެހިބަހުގެ މަގުސަދު އެއަށް ބަރޯސާވާ އެއްޗެއް ނޫނެވެ. އެހެންކަމުން ބަހުގެ ދުވަހުގައި ނުކުތާގައި ބަނދެވިގެން ތިބުމުގެ އިތުރަށް ބަހުގެ އުފެއްދުންތައް އުފައްދައި އިތުރުކުރުމަކީ މުހިންމުކަމެކެވެ. މިފަދަ އުފެއްދުންތައް ލިޔުމުގައި ތިކިޖެހުމާއި ނުޖެހުމުގައި ހުރަހެއް އޮތްކަމަކަށެއް ނުފެނެއެވެ.

ބައެއް ފަހަރު ބަހުގެ ލަފުޒުތައް ގެއްލިގެންދަނީ އެލަފުޒެއް ނުވަތަ އެ މަފުހޫމެއް އެބައެއްގެ ތެރެއިން ނެތިގެން ދިއުމުގެ ސަބަބުންނެވެ. އަނެއްބައި ފަހަރު ނުފޫޒެއްގެ ސަބަބުންނެވެ. ގެއްލިދާ އެއްޗެއްސަކީ އަދަބިއްޔާތުގައި ރައްކާތެރިކުރެވޭ އެއްޗެކެވެ. މިގޮތުން ބަލާއިރު ބަހުގެ އަދަބީ އުފެއްދުންތަކުގެ ތެރޭގައި ލަފުޒުތަކާއި އިބާރާތްތަކާއި މަފުހޫމްތަކާއި އާދަކާދަ އާއި ސަގާފަތް ރައްކާކުރެވެއެވެ. މިގޮތަށް ރައްކާކުރެވޭ ފަތްފުށްތަކުން ހޮވައި ނަގައިގެން އެތަކެތި އަލުން ބޭނުންކުރެވެމުން އަންނާތީ ވެސް ފެނެއެވެ. އެހެންކަމުން މިކަމަކީ ބަހުގެ ލޯބީގައި ފަރުދީގޮތުން އަމިއްލައަށް ކުރެވިދާނޭ ކަމެކެވެ.

ރަށްރަށުގެ އާދަކާދައެވެ. ކުޅިވަރުތަކެވެ. މަސައްކަތްތެރިކަމެވެ. ބޭސްވެރިކަމެވެ. އެކިއެކި ފަންނުތަކެވެ. މިނޫނަސް އެތައް ކަމެކެވެ. މިފަދަ މައުޒޫތަކަށް ލިޔެވޭ ލިޔުންތަކަކީ ބަހާވީ ފަޅިން ކުރެވޭ ޚިދުމަތްތަކެއް ކަމުގައިވާނެއެވެ. ބަހަށް ދިރުންދޭނޭ ވަސީލަތްތަކެއް ކަމުގައި ވާނެއެވެ. މިއީ ޚިޔާލެއް ނޫނެވެ. ތަޖުރިބާކުރެވޭ ހަގީގަތެކެވެ. އަޅުގަނޑުމެންގެ އިސް އުސްތާޒުންނާއި އިލްމުވެރިންގެ ލިޔުއްވުންތަކުން އަޅުގަނޑުމެންނަށް މިކަންކަން ތަޖުރިބާކުރެވި އިންތިހާ ދަރަޖައިގެ އެހީތެރިކަން އެބަ ލިބެއެވެ. އެހެންކަމުން އަންނާން އޮތް ޖީލަށްޓަކައި، މިފަދަ ލިޔުންތައް ލިޔެ މި ރޮނގުން ޚިދުމަތްކުރުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންނެއް ނުވޭތޯއެވެ؟

ބަހަށް ކުރެވޭ އެންމެ ބޮޑު ޚިދުމަތަކީ ބަސް ބޭނުންކުރުމެވެ. ދޭދޭ މީހުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގައި ބަސް ބޭނުންކުރުމެވެ. ބަހުގެ ލިޔުންތައް ލިޔެ ހާމަކުރުމެވެ. ބަހުގެ އުފެއްދުންތައް އުފައްދައި އާންމުކުމެވެ. އިލްމީ ލިޔުންތަކާއި އަދަބީ ލިޔުންތައް ލިޔެ ހާމަކުރުމެވެ. އެހެންކަމުން ދިވެހިބަހުގެ ދުވަހުގައި އަޅުގަނޑުމެން ކުރަން އެންމެ ރަނގަޅު ކަމަކީ ބަހުގެ އުފެއްދުންތައް އުފެއްދުމެވެ.

ދިވެހިބަހަކީ އަޅުގަނޑުމެންގެ މަންމަ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެމަންމައަށް ހުރިހައިވެސް ލޯތްބަކާއި އެހީއެއް ދޭން ބޭނުމެވެ. ލޯބިވެއެވެ. މަންމައަށްޓަކައި އަޅުގަނޑުމެން ކޮށްދޭންވީ ކަމަކީ ހަމައެކަނި މަންމަގެ މޮޅުވާހަކައިން ފަޚުރުވެރިވުމެއް ނޫނެވެ. މީހުން ފޫހިވާ ޒާތުގެ ބޮޑާބަސްތައް ބުނުމެއް ވެސް ނޫނެވެ. މަންމައަށްޓަކައި، އަޅުގަނޑުމެން ފަށްޓަރުބަޔާއި، ބޮލުތެލާއި، މޫނުގައިޖަހާ ފުށާއި، އިވްނިންގް އިން ފެރިސްގެ ސެންޓް ހޯދާއިރު އެމަންމަގެ ސިއްހީ ހާލަތު އޮތްގޮތެއް އަޅުގަނޑުމެން ބަލަންޖެހެއެވެ.

އަޅުގަނޑުމެންގެ މަންމަ ލޭމައްޗެވެ. ހަކުރު އެބަހުއްޓެވެ. ކިޑުނީ މައްސަލަބޮޑެވެ. ކޮލެސްޓްރޯލް މައްޗެވެ. އެހެންވީއިރު މަންމައަށްޓަކައި އެންމެ ފުރަތަމަ ބޭނުމީ މި ބަލިތަކަށް ފަރުވާއެއް ހޯދައިދިނުމެވެ. އެއްދަރިއަކު އަނެއް ދަރިއެއްގެ ބޮލަށްޖެހުމުގެ ވިސްނުން ދޫކޮށް ކޮންމެ ދަރިއަކު ވަކިވަކިންނާއި ހުރިހައި ދަރިން ބައިވެރިވެގެން ރަނގަޅު ފަރުވާއެއް ހޯދައިދިނުމެވެ. ހުރިހައި ދަރިން މިކަމާ އެއްބަހެވެ. ނަމަވެސް ދޮންބައްޕަ ހުރި ގޮތަކާމެދު އެކި ދަރިން ދައްކަނީ އެކި ވާހަކައެވެ. މިއީ ހުއްޓުން އަރައިފައިވާ ސަބަބެވެ.

މިސާލު ޖެހުނު ހާލަތުގައި ބަސް އޮތުމަކީ އަޅުގަނޑުމެން ހުއްޓާލަންވީ ސަބަބެއް ނޫނެވެ. ފަރުދީގޮތުން ކުރަންވީ ކަންކަން ކުރަންވީއެވެ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިވެހިބަހަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ޚިދުމަތްތަކަކީ ވަކިވަކި ފަރުދުން އަމިއްލަގޮތުން ކޮށްފައިވާ ފަރުދީ މަސައްކަތްކަމެވެ. އެހެންކަމުން ބަހުގެ ދުވަހުގެ މުނާސަބާގައި މިއިން އިބުރަތް ލިބގަތުން ހުއްޓެވެ.

މިއަދު އަޅުގަނޑުމެން ހިތްވަރު ލިބިގަންނާންނީ ދިވެހިބަހުގެ އުފެއްދުމެއް ބަހުގެ ދުވަހަށްޓަކައި އުފެއްދުމަށެވެ. ފަރުދީގޮތުން ޚިދުމަތެއް ކުރެވޭތޯ ބެލުމަށެވެ. ބަސްބޭނުންކުރުމަށެވެ. ޝައްކެއްވެސް ނެތެވެ. ބަހަކަށް ކުރެވޭނޭ އެންމެ ބޮޑު ޚިދުމަތަކީ އެބަހެއް ބޭނުންކުރުމެވެ.