ރަޙުމަތުގެ ނަބިއްޔާ ﷺ އަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ކަންކަމާއި ސިފަފުޅުތަކުން ގުނޭވަރަށްވުރެ ނުވަތަ މިނޭވަރަށްވުރެ ގިނައެވެ. ﷲ ސޫރަތުލް އިންޝިރާގެ ހަތަރުވަނަ އާޔަތުގައި ވަޙީކުރައްވަނީ 'އަދި ކަލޭގެފާނަށްޓަކައި ތިމަން ﷲ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.'

ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ފަހަރަކުމެ، ރަސޫލާ ﷺ ގެ ނަންފުޅު އާދެއެވެ. ޝަހާދަތުގެ ކަލިމަތަކުގައި ﷲ އަށްފަހު ދެން އޮތީ އެކަލޭގެފާނުގެ ނަންފުޅެވެ. ބަންގީގައި ﷲ އަށް ފަހު އޮތީ އެކަލޭގެފާނުގެ ނަންފުޅެވެ. ﷲ އަށް ޙަމްދުކުރެވޭ ކޮންމެ ފަހަރަކު އެކަލޭގެފާނަށް ސަލަވާތްލެއްވެއެވެ.

ﷲ ވަޙީކުރައްވާފައިވަނީ ރަސޫލާ ﷺ އަކީ އެއިލާހު ޢާލަމްތަކަށް ފޮނުއްވި ރަޙުމަތެއްކަމަށެވެ. އެހެންކަމުން ﷲގެ ރަޙުމަތުގެ ރަމްޒަކީ ރަސޫލާ ﷺ އެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ނުވަތަ ގެނެސްދެއްވި މެސެޖަކީ ރަޙުމަތެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަކީ ރަޙުމަތެވެ. ރަޙުމަތާއި ގުޅިފައިވާ ހުރިހާ އެއްޗަކީ އެކަލޭގެފާނެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު އެންގެވިގޮތަށް އުޅުމަކީ ރަޙުމަތެވެ.

ރަސޫލާ ﷺ ގެ ޚާއްޞަ ސިފަފުޅުތައް އެކަލޭގެފާނުގެ ނަންފުޅުތަކުން ފެށުން އައުލާކަންބޮޑެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަލޭގެފާނަށް 250 ނަންފުޅުވެއެވެ. ރަސޫލާ ﷺ ގެ ނަންފުޅުތަކާގުޅޭގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞަޙީ މުސްލިމްގައި ޖުބައިރު އިބުނި މުޠުއިމް ރިވާކުރައްވައިފައިވެއެވެ. 'ތިމަންކަލޭގެފާނުގެ ބައިވަރު ނަންފުޅުވެއެވެ. ތިމަންކަލޭގެފާނަކީ މުޙައްމަދު. އަދި ތިމަންކަލޭގެފާނަކީ އަޙުމަދު. އަދި ތިމަންކަލޭގެފާނަކީ އަލްމާޙީ. އަދި ތިމަންކަލޭގެފާނަކީ އަލްޙާޝިރު. އަދި ތިމަންކަލޭގެފާނަކީ އަލް ޢާޤިބު.' އެވެ.

އަލް މާޙީގެ އަކީ ޝިރުކުން މުޅިން ފޮހެވިފައިވުމެވެ. މިނަމުން އެނގެނީ އެކަލޭގެފާނަކީ ޝިރުކުން މުޅިން ރައްކާތެރިކުރެވިފައިވާ ބޭކަލެއްކަމެވެ. އެކަލޭގެފާނަކީ ކުޑަ މުއްދަތެއްގެތެރޭގައި ދުނިޔެއިން ޝިރުކު ފޮހެލެއްވި ބޭކަލެކެވެ. މިއަދު ތައުހީދުގެ އަލިކަން ނުފޯރާ ބައްރެއް މިދުނިޔޭގައި ނުވެއެވެ.

އަލް ޙާޝިރުއަކީ އެއްކުރެއްވުމެވެ. މިއިން އެނގޭ ކަމަކީ މަރުވެފައިވާ މީހުން މަޙުޝަރުކުރައްވާހުށީ އެކަލޭގެފާނަށްފަހުގައިކަމެވެ. ބުނެވޭގޮތުގައި އެންމެ ފުރަތަމަ ދިރުއްވާނީ އެކަލޭގެފާނެވެ. އެހެން މީހުން ދިރުއްވައި މަޙުޝަރުކުރައްވާނީ އެއަށްފަހުއެވެ.

އަލްޢާޤިބުއަކީ އެންމެ ފަހު މީހާއެވެ. މާނަޔަކީ އެކަލޭގެފާނަށްފަހު ދެން ނަބީބޭކަލަކު ނުފޮނުއްވާނޭ ކަމެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމްކުރައްވަނީ އެކަލޭގެފާނުކަން މިނަންފުޅުން އެނގެއެވެ.

ޞަޙީ މުސްލިމުގައި އަބޫ މޫސާ އަލް ޢަޝްޢަރީ ރިވާކުރެއްވި ޙަދީޘްގައި އިތުރު ނަމެއް ރަސޫލާ ﷺ ދެއްވާފައިވެއެވެ. އެގޮތުން އެކަލޭގެފާނަކީ އަލްމުޤައްފާކަމުގައި ޙަދީޘްކުރެއްވިއެވެ. އެބަހީ އެކަލޭގެފާނަކީ ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާގެ އެންމެ ފަހުގެ ބޮޅުކަމެވެ.

ޞަޙީ މުސްލިމުގައި އަބޫ މޫސާ އަލް ޢަޝްޢަރީ ރިވާކުރެއްވި ޙަދީޘްގައި އިތުރު ނަންފުޅުތަކެއް ރަސޫލާ ﷺ ދެއްވާފައިވެއެވެ. އެގޮތުން އެކަލޭގެފާނަކީ ރަޙުމަތުގެ ނަބިއްޔާކަމާއި އެކަލޭގެފާނަކީ ތައުބާގެ ނަބިއްޔާކަމުގައި ޙަދީޘްކުރެއްވިއެވެ.

ކީރިތި ޤުރްއާނުގައި ރަސޫލާ ﷺ ގެ ނަންފުޅު ތަފާތުގޮތްގޮތަށް ވާރިދުވެފައިވެއެވެ. އެގޮތުން ނަމުގެ ގޮތުގައި އެކަލޭގެފާނަށް ދެނަންފުޅުދެއްވާފައިވެއެވެ. އަދި ނަންއިތުރުގެގޮތުގައި އެކަލޭގެފާނަށް އެތައް ނަންފުޅެއް ކީރިތި ޤުރްއާނުގައިވެއެވެ. އެއިން ކޮންމެ ނަންއިތުރަކުން އެކަލޭގެފާނަށް ލަގަބުގެ ނަންފުޅެއްދެވެއެވެ.

ނަމުގެގޮތުގައި ކީރިތި ޤުރްއާނުގައި އެކަލޭގެފާނަށް އޮތް ނަންފުޅުތަކަކީ މުޙައްމަދުއާއި އަޙުމަދުއެވެ. ކީރިތި ޤުރްއާނުގައި މުޙައްމަދު މިނަންފުޅު އައިސްފައިވަނީ ހަތަރު ފަހަރުއެވެ. އަޙުމަދު މިނަންފުޅު ކީރިތި ޤުރްއާނުގައި އައިސްފައިވަނީ އެންމެ ފަހަރަކުއެވެ. އަދި އަޙުމަދު މިނަންފުޅު އައިސްފައިވަނީ ސަލާމާއި ސަލަވާތްލެއްވި ޢީސާގެފާނުގެ ދޫފުޅުންނެވެ. ޢީސާގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނަށްފަހު ވަޑައިގަންނަވާނޭ ރަސޫލަކީ އަޙުމަދުއެވެ.

މުޙައްމަދާއި އަޙުމަދު މިދެނަންވެސް އައިސްފައިވަނީ ޙަމިދަ މިބަހުންނެވެ. މިބަހުގެ މާނަޔަކީ ޙަމްދުކުރުމެވެ. ޙަމްދު މިބަހުގައި ދެކަމެއްވެއެވެ. އެއީ ތަޢުރީފާއި ޝުކުރެވެ. ރަސޫލުﷲ ﷺ އަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ސިފަފުޅުތަކުގެ ސަބަބުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ޙަމްދު ޙައްޤު ބޭކަލަކަށެވެ. މިކަން އެނގެނީ ﷲ އާއި މަލާއިކަތުން އެކަލޭގެފާނަށް ޞަލަވާތްލައްވާތީއެވެ. އަދި އެކަލޭގެފާނަށް ސަލާމްލެއްވުމަށް ގަދަ އަމުރުން މުސްލިމުންނަށް ﷲ އަމުރުކުރައްވާފައިވާތީއެވެ. އެކަލޭގެފާނާއި އެއްވަރަށް ތަޢުރީފުކުރެވޭ އިންސާނަކު ﷲ ދުނިޔޭގައި ނުލައްވައެވެ. އެކަލޭގެފާނަށް ތަބާނުވާ މީހުންވެސް އެކަލޭގެފާނުގެ މަތިވެރި ސިފަފުޅުތަކަށް ތަޢުރީފްކުރުމުގައި ދެބަހެއްނުވެއެވެ.

ރަސޫލު ﷲ ﷺ ގެ ނަންފުޅު އުޑާއި ބިމުގައި އުފުލިގެންވެއެވެ. އެކަލޭގެފާނުގެ ނަންފުޅު ކުރީގެ އުއްމަތްތަކާއި މިހާރުގެ އުއްމަތްތަކުން ޒިކުރާކުރެއެވެ. އެކަލޭގެފާނުގެ ނަންފުޅު މިދުނިޔެއާއި އާޚިރަތުގެ މަތިވެރިވެގެންވެއެވެ. އެކަލޭގެފާނަށް ސަލަވާތާއި ސަލާމާއި ބަރަކާތްނުލެއްވޭ އެންމެ ހިނދުކޮޅެއް ފާއިތުވެގެންނުދެއެވެ.

މުޅި އިންސާނިއްޔަތު، ރަސޫލުﷲ ﷺ ގެ ނަންފުޅު އެންމެ މަތިވެރިކުރައްވައި އުފުއްލަވާނީ ޤިޔާމަތްދުވަހުއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލެގެފާނަށް ދެއްވާ ޚާއްޞަ ދަރަޖައެވެ. އެދުވަހު އެކި ނަބީ ބޭކަލުންގެ އަރިހަށްގޮސްގެން ޝަފާޢަތްތެރިވާނެ ބޭކަލަކު ނުވާނެއެވެ. އެންމެފަހުން މީސްތަކުން ދާނީ ރަސޫލުﷲ ﷺ އަރިހަށެވެ. ރަސޫލާ އަރިހުގައި އެމީހުންނަށް ޝަފާޢަތްތެރިވުމަށްއެދި ﷲ ތަޢާލާގެ ޙަޟުރަތުގައި އާދޭސްދެންނެވުމަށް އެމީހުން އެދި ދަންނަވާނެއެވެ.

ޖަވާބުގައި އެކަލޭގެފާނު ވިދާޅުވާނީ 'އަނަ ލަހާ...އަނަ ލަހާ' މާނައީ އެއީ އެކަލޭގެފާނުގެ މަސްއޫލިއްޔަތެއްކަމުގައެވެ. އެހިނދު އެންމެހައި އިންސާނުން އެކަލޭގެފާނަށް ތަޢުރީފްކުރާނެއެވެ. ޤިޔާމަތް ދުވަހު ﷲ އެކަލޭގެފާނަށް ދެއްވި މިޚާއްޞަ ދަރަޖައަކީ މަޤާމުލްމަޙުމޫދް އެވެ. އެއީ ޙަމްދު ލިބިގެންވާ ޚާއްޞަ މަގާމެވެ. އެހިނދު ﷲ ޚަލްޤުކުރެއްވި އެންމެހައި މަޚުލޫޤުން އެކަލޭގެފާނަށް ތަޢުރީފްކުރާނެއެވެ.

ރަސޫލުﷲ ﷺ ޙަދީޘކުރައްވާފައިވާގޮތުގައި އެކަލޭގެފާނަކީ ނަބިއްޔުލް ތައުބާއެވެ. އަދި ނަބިއްޔުލް މުޤައްފާއެވެ. އަދި ނަބިއްޔުލް މަލާޚިމްއެވެ. ތައުބާގެ ނަބިއްޔާގެ މާނަޔަކީ އެކަލޭގެފާނަކީ ތައުބާގެ މަސްދަރެވެ. އެބަހީ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވިގޮތަށް އުޅޭ މީހާއަށް ފާފަ ފުއްސަވާނެކަމެވެ.

މުޤައްފާއަކީ ކަންފުރިހަމަކުރާ މީހާއެވެ. ރަސޫލުކަމާއި ނަބީ ކަމުގެ ސިލްސިލާ ފުރިހަމަކުރައްވަނީ އެކަލޭގެފާނުކަން މިނަމުން އަންގައިދެއެވެ.

މަލާޚިމްއަކީ ފިތުނައާއި އިމްތިހާން ތަކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާގޮތުގައި އެކަލޭގެފާނަކީ އެތައް އިމްތިހާނެއް ސިގުނަލްކުރައްވާނެ ނަބިއްޔާއެވެ. އެހެންވެ މިއުއްމަތާއި ވަރަށްގިނަ އިމްތިހާންތަކާއި ކުރިމަތިލާންޖެހޭނެއެވެ. މިދެންނެވި އިމްތިހާނުތަކުގެތެރޭގައި ބިންހެލުމާއި ހަނގުރާމައާއި ފިތުނަ ހިމެނެއެވެ. އެގޭތެރެއިންވެސް އެންމެބޮޑު ކަމަކަށްވަނީ ދައްޖާލުގެ ފިތުނައެވެ. އަދި ދުނިޔެ ނިމުމުގެ ކުރިން ހިނގާނެ ބޮޑެތި ހާދިޘާތައް ހިނގާނީ އެކަލޭގެފާނުގެ އުއްމަތް ދުނިޔޭގައިވަނިކޮށެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި އެހެން އެއްވެސް އަޅަކަށް ނުދެއްވާ ޚާއްޞަ ފަންސާސް ކަމެއް ﷲ، ރަސޫލުﷲ ﷺ އަށް ދެއްވާފައިވެއެވެ. ތިރީގައިވަނީ އެކަންކަމެވެ.

- އެކަލޭގެފާނު އެންމެފަހުގެ ނަބިޔާކަމުގައި ލެއްވުން.

- އާދަމް ޢަލައިހި ސަލާމް ޚަލްޤުކުރެއްވުމުގެކުރިން ރަސޫލުﷲ ﷺ ފޮނުއްވަން ﷲ މިންވަރުކުރެއްވުން. ރަސޫލުﷲ ޙަދީޘްކުރައްވާފައިވާގޮތުގައި އާދަމްގެފާނު މަށިން ހައްދަވައި ފުރާނަ އެޅުއްވުމުގެ ކުރިން އެކަލޭގެފާނު މިދުނިޔެއަށް ފޮނުއްވުމަށް ﷲ އިރާދަކުރެއްވިއެވެ.

- މުޅި އިންސާނިއްޔަތަށް ފޮނުއްވި ރަސޫލަކަށް އެކަލޭގެފާނުވުން. އެހެން ކޮންމެ ނަބިއްޔަކު ފޮނުއްވީ އެނަބިއްޔެއްގެ ޤައުމަށެވެ. އެކަމަކު ރަސޫލުﷲ ﷺ ފޮނުއްވީ އެންމެހައި އިންސާނުންނަށެވެ.

- އެކަލޭގެފާނުގެ ކިބައިގައި ރުޣުބު ލެއްވުން. ރުޣުބްއަކީ ބިރުގަންނަވާ ނުވަތަ ބިރު އުފައްދާ ބާރެކެވެ. ރަސޫލުﷲ ﷺ އަށް ގެއްލުންދޭން އުޅޭ ކޮންމެ ދުޝަމަނަކަށް ރުޣުބް މެދުވެރިވިއެވެ.

- އެންމެބޮޑު އުއްމަތެއް ރަސޫލުﷲ ﷺ އަށް ދެއްވުން. ޞަޙީޙު ބުޚާރީގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާގޮތުގައި އެކަލޭގެފާނުގެ އުއްމަތުގެ ބޮޑުކަން އެކަލޭގެފާނަށް ދެއްކެވިއެވެ. ސުވަރުގެވެރިންގެ ތިންބައިކުޅަ ދެބައި އެކަލޭގެފާނުގެ އުއްމަތަށްވުމަށް އެކަލޭގެފާނު އެދިވަޑައިގަންނަވާކަމަށް ޙަދީޘްކުރެއްވިއެވެ.

- އެންމެވަރުގަދަ މުޢުޖުޒާތެއް ރަސޫލުﷲ ﷺ އަށް ދެއްވުން. އެއީ ކީރިތި ޤުރްއާންއެވެ. އެހެން ހުރިހައި މުޢުޖިޒާތަކަކީ އެބެއިކަލެއްގެ ޒަމާނުގައި ހިނގި ހާދިސާތަކެވެ. އެއީ މާޒީވެފައިވާ ތާރީޚީ ހާދިސާތަކެވެ. އެހެންނަމަވެސް ކީރިތި ޤުރްއާނަކީ ގިޔާމަތާއި ހަމައަށް ދެމިއޮންނާނޭ ދިރިހުރި މުޢުޖިޒާތެކެވެ. އެއީ އަޑުއެހޭ އެއްޗެކެވެ. ކިޔެވޭ އެއްޗެކެވެ. މީހަކަށް ދެވިދާނެ އެއްޗެކެވެ.

- ރަސޫލުﷲ ﷺ އަށް އިސްރާ އާއި މިޢުރާޖު ދެއްވުން. މިއީ އެހެން އެއްވެސް ބެއިކަލަކަށް ﷲ ނުދެއްވާފަދަ މަތިވެރި ދަރަޖައެކެވެ. މޫސާގެފާނަށް އެކަލޭގެފާނު ޠޫރު ސީނާގައިވަނިކޮށް ﷲ ބަސް ވަޙީކުރެއްވިއެވެ. އެކަމަކު ހަތްވަނަ އުޑަށް ގެންދަވައި ﷲ ބަސްފުޅު ވަޙީކުރެއްވި ހަމައެކަނި އިންސާނަކީ އެކަލޭގެފާނެވެ. ސިދުރަތުލްމުންތަހާއާއި ހަމައިން ޚުދު ޖިބްރީލް ޢަލައިހިސަލާމް ވިދާޅުވީ އެކަލޭގެފާނަށް ހުއްދައޮތް ހިސާބު ނިމުނީކަމަށެވެ. ދެން ވަޑައިގަންނަވަންޖެހޭނީ ޚުދު ރަސޫލުﷲ ގިނަކަންޏާކަމުގައެވެ. މިކަމުން އެނގެނީ އެކަލޭގެފާނުގެ ޚާއްޞަ މަގާމާއި ދަރަޖައެވެ.

- ރަސޫލުﷲ ﷺ އިންސާނުންގެ ވެރިޔަކަށް ލެއްވުން. ބުޚާރީ މުސްލިމުގައިވާ ޙަދީޘްފުޅެއްގައި ވެއެވެ. 'އަނަ ސައްޔިދު ވަލަދި އާދަމު' ތިމަންކަލޭގެފާނަކީ އާދަމްގެ ދަރިންގެ ވެރިޔާއެވެ. މާނަޔަކީ އެކަލޭގެފާނަކީ އެމީހުންގެ މަންދޫބެވެ. ޤިޔާމަތް ދުވަހުވެސް އެކަލޭގެފާނު ވާހުށީ މީސްތަކުންގެ ސައްޔިދުކަމުގައެވެ.

- ރަސޫލުﷲ ﷺ އެންމެބޮޑު ފެން ކޯރެއް ލިބިވަޑައިގެންނެވުން. އެއީ ކައުޘަރުގެނަމުން ނަންދެވިފައިވާ ސުވަރުގޭގެ ފެންކޯރެކެވެ. ހަތަރެސްކަން ބައްޓަމަށް އޮންނަ މިކޯރަކީ ސުވަރުގޭގެ ހުރިހާ ފެން އާރުތައް ގުޅިފައިވާ ކޯރެވެ. ސުވަރުގެ ވެރިންނަށް ލިބޭ ފެނުގެ މަސްދަރަކީވެސް ކައުޘަރެވެ.

- ރަސޫލުﷲ ﷺ އެންމެފުރަތަމަ ސުވަރުގެ ވެއްދެވުން. ޞިރާޠު މަގު ފުރަތަމަ ހުރަސްކުރައްވާނީ އެކަލޭގެފާނެވެ. ސުވަރުގޭގެ ދޮރުކޮޅު ފުރަތަމަ ހުޅުވައިދެވޭނީ އެކަލޭގެފާނަށެވެ. އަދި އެންމެފުރަތަމަ ސުވަރުގެ ވައްދަވާނީވެސް އެކަލޭގެފާނުގެ އުއްމަތުގެ މީހުންނެވެ.

- ރަސޫލުﷲ ﷺ އަށް ސުވަރުގޭ އެންމެ މަތިވެރި ދަރަޖަދެއްވުން. އެއީ ފިރުދައުސް އަލްއަޢުލާއެވެ. މިތަންވަނީ ސީދާ ﷲ ގެ ޢަރުށިކޮޅާއި ޖެހިގެންނެވެ. މިޚާއްޞަ ދަރަޖައަކީ އަލްފަޟީލާތްއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާގޮތުގައި މިއީ ސުވަރުގޭގެ މަންޒިލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިމަންޒިލް ޚާއްޞަކުރައްވާފައިވަނީ އެކަލާނގެ އަޅުތަކުންގެތެރެއިން އެންމެ އަޅަކަށެވެ. ނުހަނު ނިޔަނެތިކަމާއެކު އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނު އުއްމީދުކުރައްވަނީ އަދި ދުޢާކުރައްވަނީ އެއަޅަކަށް އެކަލޭގެފާނުވުމަށެވެ. އެހެންވެ ހުރިހާ މުސްލިމުން އެކަލޭގެފާނަށް މިދަރަޖަ ދެއްވުމަށް އެދި ކޮންމެ ބަންގިއެއްގެ ފަހުގައި ދުޢާކުރެއެވެ. އެކަލޭގެފާނަށް ވަސީލަތާއި ފަޟީލަތްދެއްވުންއަދައިގެންނެވެ.

މައުލޫމާތު ޑރ. ޔާސިރު ޤާޞީގެ ސީރާގެ ލެކްޗަރތަކުން