އެއްވެސް އުޅަނދެއް އުފެއްދުމުގެ ކުރިން އަދި އިންސާނުން ދަތުރުފަތުރު ކުރުމަށް ޖަނަވާރަށް ސަވާރުވާން ފެށުމުގެ ކުރިން، އިންސާނުން އެއްތަނުން އަނެއްތަނަށް ދިޔައީ ފައިމަގުގައެވެ. ހިނގާފައެވެ.

ހިނގުމަކީ އެއްވެސް މީހަކު އެއާ މެދު އިތުރަށް ވިސްނާ ހަރަކާތެއް ނޫނެވެ. ދުނިޔެއަށް އަންނަތާ މަދު މަސް ދުވަސްކޮޅެއް ތެރޭ ދަސްކުރާ ކަމަކަށް ވާތީ، އެ ދުވަހު ހިނގަން ފެށުމަށްފަހު ދެން އެއްވެސް ވަރަކަށް އެއާ މެދު އިތުރަށް ވިސްނަންވީ ކަމެއް ނެތެވެ. އެހެން ކަމުން ހިނގާބިނގާވެ އުޅުމަކީ އެންމެ އާންމުކޮށް ކޮންމެ މީހަކުވެސް ކުރާހަރަކާތަކަށްވެފައި، އެއާ މެދު އެއްވެސް އަޅާލުމެއް ނުދޭ ހަރަކާތެކެވެ.

ހިނގުމަކީ އެއް ފައިގެ ކުރިޔަށް އަނެއް ފައި އަޅައިގެން ކުރާ ހަރަކާތެކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެކެވެ. މި ހަރަކާތް ސީދާ ދިރާސާކޮށް، އިލުމީ ނަޒަކުން ހިނގުމާ ބެހޭ ގޮތުން ވިސްނާނީ އޯތޯޕީޑިސްޓް (ކަށީގެ ޑޮކްޓަރު)، ޕޮޑައިއަޓްރިސްޓް (ފައިތިލައިގެ ޑޮކްޓަރު)، ނުވަތަ ފިސިއޮތެރަޕިސްޓް އެއް ފަދަ ތަޖުރިބާކާރެކެވެ. ދެން ހިނގުމާބެހޭ ގޮތުން އާންމުކޮށް ވާހަކަ ދެކެވެނީ ކަސްރަތެއްގެ ގޮތުގައި ކުރުން ފައިދާ ހުރި ކަމެއްކަމަށެވެ. ވީމާ މި ޒަމާނުގައި ހިނގުމަކީ ދަތުރުފަތުރު ކުރުމާ ގުޅުންހުރި ހަރަކާތެއް ނޫނެވެ.

މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުގައި، ދިރިއުޅުމުގެ ހާލަތު ވަރަށް ތަފާތެވެ. އިޖުތިމާއީ ހާލަތުވެސް ވަރަށް ތަފާތެވެ. ބައެއް ގައުމުތަކުގައި ދުރުތަންތަނަށް ދިއުމަށް ހިނގުމަކީ އަދިވެސް ކޮށްއުޅޭ ކަމެކެވެ.

ތަހުޒީބުވެފައިވާ ދުނިޔޭގައި، ހިނގުން އާންމުކޮށް ވަނީ ކަސްރަތަކަށެވެ. ވަރަށް ކައިރި ތަންތަނަށް ހިނގާފައި ދިޔަ ނަމަވެސް، ދުރުމިނުގެ ގޮތުން ފާހަގަ ކޮށްލެވޭ އެއްވެސް ދުރުމިނަކަށް ހިނގަނީ ކަސްރަތު ކުރުމަށް ނުވަތަ ކަސްރަތާއެކު ލިބޭ ފައިދާ އެއް އޮތުން ކުރާ ހަރަކާތަކަށެވެ. އާންމު ކޮށް ރާއްޖޭގައި މީހުން ކަސްރަތު ކުރުމަށް ހިނގަނީ ރަށުތެރޭގައި ނުވަތަ ކަމަށް ހާއްސަ ޓުރެކެއްގައި ނުވަތަ ކަމަށް ހާއްސަ މެޝިނެއްގައެވެ. ނަމަވެސް ބޭރުގެ ބައެއް ގައުމުތަކުގައި ހައިކިންގް އާއި ޓްރެކިންގް އަކީ ހިނގާފައި ކުރާ އިތުރު ދެ ހަރަކާތެވެ.

އިހުތިޔާރުން ކުރާކަމެއް

ހިނގާފައި ތަނަކަށް ދިއުމަކީ އަމިއްލަ އިހުތިޔާރުން ކުރާކަމެކޭ ބުނެވިދާނެއެވެ. ވަރަށް މަދު ހާލަތެއްގައި މަޖުބޫރު ވެގެން ހިނގާފައި ދާންބޭނުންނުވާ ތަނަކަށް ހިނގާފައި ދާން ޖެހިދާނެއެވެ. ނަމަވެސް އެއީ މާލީ ތަނަވަސްކަމާ ގުޅުން ހުރި ކަމެއް ކަމުގައި ނުވާނަމަ، އެއީ ކޮންމެވެސް މީހެއްގެ އިހުމާލުން ނުވަތަ ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުންވާ މަޖުބޫރުވުމެކެވެ. އާންމު ދިރިއުޅުމުގައި މަޖުބޫރުވެގެން ހިނގާފައި ދާންޖެހޭ ތަނަކަށް ތަކުރާރުކޮށް ހިނގާފައިދާނަމަ އެއީ އިހުތިޔާރުގެ ބޭރުން ހިނގަނީ ކަމަކަށް ނުވާނެއެވެ. އެއީ އަމިއްލައަށް އެގޮތަށް ދާން ހިޔާރުކޮށްގެން ދާ ދިއުމެކެވެ. އެހެން ނަމަވެސް، ބައެއް އިސްތިސްނާ ހާލަތުތައް ހުރެދާނެކަން ގަބޫލުކުރަމެވެ.

ފައިމަގުގައި ތަނަކަށް ހިނގާފައި ދިއުމަކީ ތަކުލީފަކަށް ވާނަމަ، ކޮންމެ މީހަކުވެސް އެނޫންއެހެން ގޮތެއް އޮތްތޯ ބަލާނެއެވެ. މާލީ ދަތިކަމެއްގެ ސަބަބުން ފިޔަވައި، އެހެން ސަބަބެއް ނުއޮންނާނެއެވެ. އަދި ހިޔާރުކުރާނީވެސް ހިނގާފައި ދިއުމުގެ ބަދަލުގައި އެފަދަ އެހެންގޮތެވެ.

ކަސްރަތުކުރުމަށް ހިނގުމުގެ އިތުރުން، މުނިފޫހިފިލުވުމަށް ވެސް ހިނގަންދެއެވެ. އަދި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ހިނގާއުޅެއެވެ. ހިނގުމުގެ ރޭހަކީ ސްކޫލްތަކުން ބާއްވާ ސްޕޯޓްސްމީޓުގައި އޮންނަ ހަރަކާތެކެވެ. އޭގެ އިތުރުން، ހިނގުމުގެ ރޭހަކީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ބާއްވާ ކުޅިވަރެކެވެ. އޮލިމްޕިކްސްގައި ވެސް ހިނގުމުގެ ރޭސް އޮވެއެވެ.

ހިނގުމުގެ ބޭނުންތައް

މީހުން ހިނގާބިނގާވެ އުޅުމުގެ ބޭނުންތައް މަދެއްނޫނެވެ. އޭގެ ތެރެއިން، ދަތުރުފަތުރު ކުރުމުގެ ބޭނުމުގައި އެއްތަނުން އަނެއްތަނަށް ހިނގާފައި ދިއުން ހިމެނެއެވެ. މި ޒަމާނުގައި މިއީ ވަރަށް މަދު ގައުމެއްގައި މެނުވީ ނުފެންނަ ކަމެއްކަމަކު، ހިނގާބިނގާވުމަކީ ދަތުރުފަތުރުކޮށް އުޅުނު ހަމައެކަނި ގޮތް ކަމުގައިވެސް އޮތް ޒަމާނެއް ދުނިޔޭގެ ތާރީހުގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި ޖަނަވާރަށް ސަވާރުވެގެން ދަތުރު ކުރުމުގެ އިތުރުން، ގާފިލާ ގައި ހިނގާފައި ދަތުރު ކުރާ މީހުންވެސް ހިމެނެއެވެ. އެ ޒަމާނުގައި ފައިމަގުގައި ކުރާ ދަތުރުތަކުގައި އެތައް ސަތޭކަ މޭލަށް ދަތުރުކުރެއެވެ. މި ޒަމާނުގައި އެފަދަ ގޮތަކަށް ހިނގާފައި ދިގު ދަތުރުކުރަނީ ބަދުވީންނެވެ. އެމީހުންވެސް ޖަމަލުގެ އެހީވެސް ބޭނުން ކުރެއެވެ.

ދުނިޔޭގެ ރެކޯޑުތައް

ދުނިޔޭގެ ރެކޯޑުތަކުގެ ތެރެއިން ވަރަށް ގިނަ ރެކޯޑު ހިނގާބިނގާވުމާ ގުޅިފައި ވެއެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ދުނިޔެވަށާ ހިނގި މީހާ ހިމެނެއެވެ. އެއީ ޑޭވް ކަންސްޓް 23،225 ކިލޯމީޓަރު ހިނގައިގެން ގާއިމުކުރި ރެކޯޑެކެވެ. އެހިނގުން ފަށާފައިވަނީ 1970ގައެވެ. އަދި އެކަމަށް ހަތަރު އަހަރު ނެގިއެވެ. 24 ގަޑިއިރެއްގެ ތެރޭގައި އެންމެ ދުރަށް ހިނގިކަމަށް ވަނީ އެމެރިކާގެ ޖެސީ ކެސްޓެންޑާ އެވެ. އެއީ 1976 ސެޕްޓެމްބަރ ގައި، 228.930 ކިލޯމީޓަރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ހިންގައިގެންނެވެ. މިނޫނަސް ވަރަށް އަޖައިބުކުރުވަނިވި ރެކޯޑުތައް ހިނގައިގެން ގާއިމު ކުރެވިފައިވެއެވެ.

ހިނގާބިނގާވުމުގެ ބައެއްފައިދާ

ކަސްރަތުކުރުމަށް ހިނގި ކަމުގައި ވިޔަސް، ނުވަތަ ހަވީރު ފިންޏަށް ނުކުމެލިޔަސް، ހިނގުމަކީ ހަކަތަ ބޭނުންކުރާ ހަރަކާތެކެވެ. އެހެންކަމުން ހިނގުމުން ހަށިގަނޑުން ކެލަރީތައް އަނދައެވެ. މިއީ މީހާގެ ބަރުދަން ކޮންޓްރޯލު ކުރުމަށް ވަރަށް މުހިންކަމެކެވެ. އެގޮތުން ކެލަރީތައް ބޭނުންކުރެވޭ މިންވަރު ބިނާވެގެންވަނީ، ހިނގުމުގެ ބާރުމިނަށާއި، ހިނގާ ދުރުމިނަށާއި، ހިނގާ ސަރަހައްދުގެ ބިމުގެ ސިފަތަކަށާއި، ހަށިގަނޑުގެ ބަރުދަނަށެވެ.

ހިނގުމުން މީހާގެ ހިތުގެ ދުޅަހެޔޮކަން އިތުރުވެއެވެ. ހާއްސަކޮށް ކޮންމެ ދުވަހަކު ބައިގަޑިއިރު ހިނގާނަމަ، ހިތުގެބަލިތައް ޖެހުމުން ދުރުހެލިވެވެއެވެ.

ކެއުމަށްފަހު ކުޑަކޮށް ހިނގާލާނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު މަދުވެއެވެ. މިއީ ޑައެބެޓިކް ބަލިން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ހެނދުނުގެ ނާސްތާއާއި މެންދުރާއި ރޭގަނޑުގެ ކެއުމަށްފަހު 15 މިނެޓު ހިނގާލުމުން ހަށިގަނޑަށް ލިބޭފައިދާ، އެހެން ވަގުތެއްގައި 45 މިނެޓު ހިނގުމަށް ވުރެ ބޮޑެވެ.

ހިނގުމުގެ ސަބަބުން ހުޅުތަކަށް ފައިދާ ވެއެވެ. ހިނގާބިނގާވެ އުޅުމުން، ކަކޫ ފަދަ ހުޅުތަކުގެ މަސްތައް ބާރުގަދަވެ، އެ ހުޅުތަކުގައި ހުންނަންޖެހޭ ލޮނދި އުފެދުމަށް އެހީވެދެއެވެ. ރާއްޖެބަލި ފަދަ ބަލިތައް ތަހައްމަލު ކުރަންޖެހިފައިވާ މީހުންނަށް ވެސް ފައިދާ ވެއެވެ. އެއީ އެމީހުންގެ ހުޅުތަކުގެ ރިހުމަށް ލުޔެއް ލިބޭ ކަމަށް ވާތީއެވެ. އަދި ދުވާލަކު ހައެއްކަ މޭލަށް ހިނގާނަމަ، ރާއްޖެބަލި ޖެހުމާ ދުރުހެލި ވާކަމުގައިވެސް ވެއެވެ.

ކޮންމެ ދުވަހަކު ބައިގަޑި އިރު ނުވަތަ 45 މިނެޓު، އާދައިގެ ހިނގުމެއްގައި ހިނގާ އުޅޭ މީހުންނަށް އަރިދަފުސް ރޯގާ ފަދަ ރޯގާތައް ޖެހުމާ ދުރުހެލި ވާކަމުގައި ދިރާސާތަކުން ދައްކައެވެ. އެއީ ހިނގުން، ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭތީއެވެ. އަދި އެމީހުންނަށް ރޯގާ ޖެހިއްޖެ ނަމަ، އެ ބަލިން ލިބޭ އުނދަގޫތައް ކުޑައެވެ.

ހިނގުމަކީ ފައިގެ މަސްތައް ބައްޓަންކޮށްދޭ ކަސްރަތެކެވެ. އަދި ފައިގެ ބާރު ގަދަކޮށްވެސް ދެއެވެ. އިތުރަށް ބާރުގަދަ ކުރަން ބޭނުންނަމަ، ހިނގާފައި މައްޗަށް އެރޭގޮތަށް ހުރި ތަންތަނުގައި ހިނގުން އިތުރު ކުރަންވާނެއެވެ. ފައިގެ ބައްޓަން ރަނގަޅުކޮށްދޭ އެހެނިހެން ކަސްރަތުތަކާއެކު ހިނގުން ހިމަނައިފިނަމަ، ފައިގެ ބައްޓަން އިތުރަށް ރަނގަޅުވެއެވެ.

ހިނގާބިނގާވުމަކީ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް އެހީވެދޭ ހަރަކާތެކެވެ. އެންޒައެޓީ އާއި، ޑިޕްރެޝަން އާއި، މޫޑު ހަރާބުވުމުން ދުރުހެލި ކޮށްދެއެވެ. މިފަދަ ފައިދާތައް ލިބޭނީ ކޮންމެ ދުވަހަކު ބައިގަޑިއިރު ކުޑަކޮށް ބާރު ހިނގުމެއްގައި ހިނގުމުންނެވެ. ހިނގާބިނގާވުމުން ކަންކަމާމެދު ވިސްނުމަށް ވެސް އެހީވެދެއެވެ. އަދި ކްރިއޭޓިވިޓީ އިތުރުވެއެވެ. މާނައަކީ، އެމީހަކަށް އާގޮތްގޮތައް ވިސްނި، އާގޮތްގޮތަށް ކަންކަންކުރުމަށް ވިސްނުމަށް އެހީވެދެއެވެ.

ދިރާސާތަކުން ބުނާ ގޮތުގައި ހިނގާބިނގާވުމަކީ ދިގު އުމުރެއްގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދޭ ކަމެކެވެ.