އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަކުރަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަބުދުﷲ ދީދީ މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ސަރުކާރުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

އެ މައުލޫމާތު ހާމަ ކުރުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދާފައި ވަނީ، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް" ނޫހުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މައުލޫމާތު ނުދިނުމުގެ ސަބަބުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން، އެ އޮފީހުން ބޭއްވި އަޑު އެހުމެއްގައެވެ.

ދިޔަރެސް ނޫހުން ބުނެފައިވަނީ، އިންޑިއާ އާއި ވެވިފައި އޮތް އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދެ ގައުމުގެ ގުޅުމަށް އަސަރުކުރާނެކަމަށް، އެ އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މިކަމާގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްފައި ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ)އާ އެއްގޮތަށް ކަމަށެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުސޫލަކުން ކަމަށެވެ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަކުރަންވާނެެ ކަމަށާއި، އދ. ގެ ޗާޓަރ 102 އާ ހިލާފަށް އެ އެއްބަސްވުން ސިއްރު ނުކުރެވޭނެ ކަމަށްވެސް ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެފައިވެއެވެ.